08 Apr 2015, 22:59
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ އެމީހެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި މައްސަލަ ޝަރީއަތަށް ސާބިތުނުވާހާ ހިނދަކު ކުށުގެ ޒިންމާ އެމީހަކު އުފުލަން ނުޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު، އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންދިޔުމުގައި ޖަލީލުގެ އެއްވެސް ދައުރެއް އޮތްކަން އެނގެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޖަލީލު ބަހާއި އަމަލުން ބައިވެރިވެފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
ދައުލަތުން ޖަލީލުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމުމުން، އެކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ 12:00 ހާއިރު އަބްދުﷲ ގާޒީ ގަދަކަމުން ގިރިފުއްޓަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއްގައި ޖަލީލު ބައިވެރިވިކަން އެނގެން ނެތް ކަމަށް މިރޭ އިއްވި ހުކުމްގައި ވެއެވެ.