08 Apr 2015, 19:19
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން ތަކުގައި މިނިވަން 50ގެ ލޯގޯ ޖަހައިފިއެވެ.
ޓީއެމްއޭގެ ބޯޓުތަކުގައި މިނިވަން 50 ލޯގޯ ޖެހުން ރަސްމީކޮށް އިފްތިތަހު ކޮށްދެއްވީ މިއަދު ހަވީރު ޓީއެމްއޭގެ ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، ޓީއެމްއޭގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރި ވެފައެވެ.
މިއަދު ޓީއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު ޖުނައިދު
މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އެތެރޭގެ އުދުހުންތައް އުދުހޭ އެހެނިހެން ބޯޓު ފަހަރުގައިވެސް އެ ލޯގޯ ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ފާހަގަ ކުރައްވަމުން، އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ، އެފަދަ ހަރަކާތެއް ޓީއެމްއޭއިން ކުރިއަށް ގެންދާކަމަށްޓަކައި އެ ކުންފުނީގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
"ރާއްޖެ އަންނަ 35 ޕަސެންޓު ފަތުރުވެރިންނަކީ މިފަދަ ސީޕްލޭން ތަކުގައި ދަތުރުކުރާ މީހުން. ދުނިޔޭގެ އެންމެ ރީތި މަންޒިލަށް އަންނަ ފަތުރުވެރިން، ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކަށް ގެންގޮސްދޭ ބޯޓުތަކުގައި އަޅުގަނޑުމެންގެ ފަހުރު، އަޅުގަނޑުމެންގެ މިނިވަންކަން ރަމްޒުކޮށްދޭ ލޯގޯ ޖެހުމަކީ ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. އެކަމަށްޓަކައި އަޅުގަނޑު ޓީއެމްއޭގެ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިއަދު ޓީއެމްއޭގައި ބޭއްވި ރަސްމިއްޔާތަށް ހޯމް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު ވަޑައިންނަވަނީ --- ސަން ފޮޓޯ: އަހުމަދު ޖުނައިދު
މިނިސްޓަރު ސައީދުގެ އިތުރުން، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މި އަހަރުތެރޭ ކުރިއަށް ގެންދަން ރާވާފައިވާ ސްކައި ޑައިވް ފަދަ އެހެނިހެން ހަރަކާތްތަކުގައިވެސް، ޓީއެމްއޭގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޓީއެމްއޭ އަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު ސީޕްލޭން ފްލީޓެވެ.
ޓީއެމްއޭގެ ބޯޓުތަކުގައި ލޯގޯ ޖެހުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވަނީ --- ސަން ފޮޓޯ: އަހުމަދު ޖުނައިދު
ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަކުރަން މިނިވަން 50ގެ ލޯގޯ ޓީއެމްއޭގެ ބޯޓުތަކުގައި ޖަހާފައި ވާއިރު، އެ ކުންފުނިން ބުނީ އެ ހަރަކާތަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ހިއްސާތަކެއް ކުރާ ކުންފުންޏެއްގެ ގޮތުގައި އޮތުމުގެ އިތުރުން، އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.