ކްރައިމް ސީން އިންވެސްޓިގޭޝަންގެ ދަށުން ރާއްޖޭގެ 10 އަތޮޅެއްގައި ފުލުހުންގެ "އެވިޑެންސް ރެސްޕޮންސް ޓީމް" ގާއިމްކޮށްފިއެވެ.

ފުލުހުންގެ ފޮރެންސިކް ކަންތައްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމާ ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު ސުޒީ ވިދާޅުވީ، އެ ހިދުމަތް ހއ، ހދ ،ބ، ނ، ރ، އދ، ވ ،ލ، ގދ، އައްޑޫ ސިޓީގެ އިތުރުން ޏ. އަތޮޅުގައި ގާއިމްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކްރައިމް ސީން އިންވެސްޓިގޭޝަންގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި "އެވިޑެންސް ރެސްޕޮންސް ޓީމް" ފުޅާ ކުރުމަށް ސީން އޮފް ކްރައިމްގެ އޮފިސަރުން ތަމްރީންކުރުމަށް ފުލުހުން ރާވާފައިވާ ކަމަށެވެ.

"ފިންގަ ޕްރިން ލެބޯޓަރީގެ ހިދުމަތްތަކަށް ބަލާލާއިރު އެ މަސައްކަތް އަތޮޅު ތެރެއަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ފަސް އަތޮޅެއްގައި އޮޓޮމޭޓެޑް ފިންގަ ޕްރިންޓު އައިޑެންޓިފިކޭޝަން ސިސްޓަމްގެ ވާރކް ސްޓޭޝަން މިހާރު ވަނީ ގާއިމް ކުރެވި، މާލޭގެ ސެންޓްރަލް ޑޭޓާ ބޭސްއާ ގުޅާ ލެވިފައި. ފިންގަ ޕްރިންޓު ލެބޯޓަރީގެ ހިދުމަތްތައް މިވަގުތު ދެވޭ އަތޮޅުތަކުގެ ތެރޭގައި ހދ ،ލ، ގއ، އަދި ދ އަތޮޅު ހިމެނޭ. މީގެއިތުރުން މިހާރު ދެވޭ ފިންގަ ޕްރިންޓުގެ އިތުރުން އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައި ފިންގަ ޕްރިންޓު ކޮމްޕެއާ ކުރުމާއި ފިންގަ ޕްރިންޓު ޑެވެލޮޕް ކުރުމުގެ މަސައްކަތް މުސްތަގުބަލުގައި ފެށިގެންދާނެ." ސުޒީ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ސުޒީ ވިދާޅުވީ ފުލުހުންގެ ލެބޯޓަރީއެއް މިވަގުތު ގާއިމް ކުރެވިފައި ވަނީ މާލެ ސިޓީގައި އެކަނި ކަމަށެވެ. އަދި ދަތުރު ފަތުރުގެ ނިޒާމް ހުރި ގޮތުން މާލޭގެ ލެބޯޓަރީއަށް ހުރިހާ ސާމްޕަލެއް ގެންނަން "ވަރަށް އުނދަގޫ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކެނީ އަތޮޅު ތެރޭގައި މި ހިދުމަތްތައް ގާއިމް ކުރެވިއްޖިއްޔާ އަޅުގަނޑުމެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ތަހުގީގަށް މިދޭ އެހީތެރިކަން ވީހާ ވެސް އަވަހަކަށް ފޯރުކޮށްދެވޭނެ. އެހެންވީމަ އަޅުގަނޑު އެ ޔަގީންކަން އަރުވަން އަތޮޅުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށްމި ހިދުމަތް ފުޅާ ކުރެވުނީމަ ވަރަށް ބޮޑު ކުރިއެރުމެއް ތަހުގީގަށް ލިބިގެންދާނެ." ސުޒީ ވިދާޅުވި އެވެ.