08 Apr 2015, 20:14
ޑިޒައިން އެންޑް ބިލްޑް އުސޫލުން، ހއ. ތުރާކުނު ބަނދަރު މަރާމާތުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ތުރާކުނު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، ތުރާކުނު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ މުއްދަތަކީ 200 ދުވަސް ކަމަށާއި، އެ މަޝްރޫއަށް ޖުމުލަ 18 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ތުރާކުނު ބަނދަރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ -- ސަން ފޮޓޯ: އަހްމަދު ޖައިޝަން
އެ މަޝްރޫއުގެ ދަށުން ތުރާކުނުގެ އެއްގަމު ތޮށީގައި 286 މީޓަރުގެ ދިގު ކެޕިން ބީމެއް ހަދަން ނިންމާފައިވާއިރު ބަނދަރާއި ނެރުގެ ސަރަހައްދުން ތިލަ ވެފައިވާ ތަން، ތިން މީޓަރަށް ފުން ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެއްގަމު ތޮށްޓާ އިންވެގެން 158 މީޓަރު ދިގު، ފަސް މީޓަރު ފުޅާ ޕޭވްމެންޓެއް ވެސް އެ ޕްރޮޖެކްޓްގެ ދަށުން ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތުރާކުނު ބަނދަރުގެ ނެރު ބައްތި ޖަހައި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމާއެކު 205 މީޓަރު ބޮޑު ހިލައިގެ ކަނޑުތޮއްޓެއް ވެސް މި މަޝްރޫއުގެ ދަށުން ހެދިގެން ދާނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ފަރާތުން ބޮޑެތި އެހީތަކެއް ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތުރާކުނު ބަނދަރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވާޙަކަދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު ޖައިޝަން
އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ، ތުރާކުނު ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުފެން ހަގީގަތަކަށް ހެއްދެވިކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.