08 Apr 2015, 17:20
ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނަގަން ބ. ތުޅާދޫ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ޢަބުދުއް ރަޙީމް ވިދާޅުވީ އިންޖީނުގެ ހުރި ބިމުން އަކަ ފޫޓަކަށް ރުފިޔާއެއްގެ މަގުން ކުލި ނެގުމަށް ފާސްކުރީ ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
"...ރައްޔިތުންގެ އިންޖީނުގެ ކުރީގެ ޔޫޓިލިޓީސް ކުންފުންޏާ ވެސް ހަވާލުކޮށްފައި އޮންނާނީ ސަރުކާރުން ކުންފުންޏަށް ސަބްސިޑީ ދޭގޮތަށް ހަމަޖެހުނީމައި. އަދި އަގުހެޔޮކޮށް ކަރަންޓްގެ ހިދުމަތް ދިނުމަށް ޝަރުތުކޮށްފައި. އެހެންވީމާ ފޯމް ފުރިޔަސް ނުފުރިޔަސް ސަބްސިޑީ ލިބެން ޖެހޭނެ. އެއްވެސް ރައްޔިތަކަށް ސަބްސިޑީ ނުލިބޭ ފަދަ ހާލަތެއް މެދުވެރި ވަންޏާ ބިމުކުލި ނަގަން ޖެހޭ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަބްސިޑީއަށް އެދޭ ފޯމް ހުށަހެޅުމަށް (ކުރިން) ދިން މުހުލަތު މާދަމާ ހަމަވާ އިރު އެ ރަށުގެ 350 ގޭބިސީގެ ތެރެއިން ފޯމް ފުރާފައި ވަނީ 90 ގޭބިސީއަކުން ކަމަށެވެ.
އިކޮނަމިކް ކައުންސިލުން ނިންމާފައި ވަނީ ސަބްސިޑީއަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނުވައަކަށް އިތުރ ކުރުމަށެވެ.
އަހުމަދު ވިދާޅުވީ އިންޖީނުގެ ހުރި ބިމުން ކުލި ނެގުމުގެ އިތުރުން ރައްޔިތުންނަށް ލިބޭ ކަރަންޓްގެ އަގު ކުޑަކުރުމަށް ކައުންސިލުން ކޯޓަށް ވެސް ދާނެ ކަމަށެވެ.
"...އެގޮތަށް ޝަރުތުކޮށްފައި އިންޖީނުގެ ހަވާލުކޮށްފައި އޮތީ، އެހެންވީމާ އަޅުގަނޑުމެން ކޯޓަށް ވެސް ދާނަން،" އޭނާ ވިދާޅުވި އެވެ.
ތުޅާދޫ އިންޖީނުގެ ހުންނަނީ ގާތްގަނޑަކަށް 10000 އަކަފޫޓުގެ ބިމެއްގަ އެވެ.
ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނަގަން ތުޅާދޫ ކައުންސިލުން މިއަދު ނިންމާފައިވާއިރު، ގދ. ގައްދޫގައި ފެނަކައަށް ދޫކޮށްފައިވާ ބިންތަކުން ވެސް ކުލި ނަގަން އެ ރަށު ކައުންސިލުން ވަނީ ނިންމާފަ އެވެ.