22 Feb 2011, 11:26
ވަތަނިއްޔާގެ ޗީފްއެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިބްރާހިމް ހަލީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި އެމްއެންބީސީންގެ އެމްޑީގެ މަގާމުން އިސްތުއުފާ ދެއްވުމަށްފަހު މުއާސަލާތީ ކުންފުނި، ވަތަނިއްޔާގެ ސީއީއޯގެ މަގާމާ ހަލީލު ހަވާލުވެ ވަޑައިގަންނަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި އެކަމުގެ ރަސްމީ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ އެވެ.
"އަޅުގަނޑު މިއަދު ހެނދުނު އެމްއެންބީސީންގެ އެމްޑީގެ މަގާމުން އިސްތިއުފާދީފިން، އަޅުގަނޑު އިސްތިއުފާ ދިނީ އާ ލީޑާޝިޕަކަށް ފުރުސަތުދީ، އަޅުގަނޑުވެސް ބައިނަލްއަގުވާމީ ލީޑާޝިޕެއް ތަޖުރިބާކޮށްލަންވެގެން. އަޅުގަނޑު މަސައްކަތް ކުރާނީ ރާއްޖޭގައި،" ދެ އަހަރަށް ވުރެ ގިނަ ދުވަހު އެމްއެންބީސީ ހިންގެވި ހަލީލް މިއަދު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވަޑައިގަންނަވަނީ ވަތަނިއްޔާގެ ސީއީއޯގެ މަގާމަށް ކަމަށް ކަށަވަރުކޮށެއް ނުދެއްވަ އެވެ.
މީގެ ކުރިން އދިއެފްއެމްގެ ސީއީއޯގެ މަގާމުވެސް ފުރުއްވެވި ހަލީލް ވިދާޅުވީ އޭނާގެ އާ މަގާމާ ބެހޭ ގޮތުން ފަހުން ތަފުސީލު ދެއްވާނެ ކަމަށެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ހަލީލް މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މިއަދު ހެނދުނު ލިބުނު ސިޓީގައި ހަލީލް ވިދާޅުވެފައިވަނީ ވަނަވަރަށް ލިބޭ ކުރިއެރުމެއް ގަބޫލު ކުރެއްވުމުގެ ގޮތުން، މިހާރު ހުންނެވި ވަޒީފާއަށް ވުރެ މަތީ މަގާމެއް ލިބިވަޑައިގަންނަވާތީ އެ ވަޒީފާއަށްޓަކައި މިއަދުން ފެށިގެން އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
"ހަލީލުގެ އިސްތިއުފާގެ ސިޓީ ވަނީ ލިބިފައި. ރައީސް ކެބިނެޓް މީޓިންއެއްގައި އިންނެވުމުގެ ސަބަބުން އަދި މިއުޅެނީ ރައީސްގެ އަތްޕުޅަށް ސިޓީ ނޭރުވިގެން،" ޒުހައިރު ވިދާޅުވި އެވެ.
އެމްއެންބީސީން މިއަދު ބުނީ ހަލީލުގެ ސިޓީ އަދި ލިބިވަޑައިގެންފައި ނުވާ ކަމަށާއި ނަމަވެސް ހަލީލާއެކު އެމްއެންބީސީގެ ބޯޑުގެ ބައްދަލުވުމެއް ހިނގަމުންދާ ކަމަށެވެ.
މިކަމާގުޅިގެން ވަތަނިއްޔާއިން ބުނީ އެ ކުންފުނީގެ ލީޑާޝިޕަށް މިއަދު ބަދަލު އަންނަ ކަމަށާއި ރަސްމީ ނޫސްބަޔާނެއް މިއަދު މެންދުރު ނެރޭނެ ކަމަށެވެ.
އެމްއެންބީސީގައި ހޭދަ ކުރެވި ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ އިތުރުން ހަލީލު ވަނީ ޓީވީމޯލްޑިވްސްގެ ތަފާތު މަގާމުތަކުގައި 20 އަހަރު އަދި ހަވީރު ނޫހުގައި ހޭދަކުރެއްވި ދެއަހަރު ދުވަހަހާއެކު މީޑިއާގައި 22 އަހަރު ހޭދަކުރައްވާފަ އެވެ.
ކުރިން ފޮރިން މިނިސްޓްރީގައި ވެސް ހަލީލް މަސައްކަތް ކުރެއްވެވި އެވެ.