12 Apr 2010, 10:35
ސަރުކާރުގެ ނުފޫޒުން މީޑިއާ މިނިވަން ކުރުމަށާއި މީޑިއާ މޮނިޓަރކޮށް،ޒިންމާދާރު، ޕްރޮފެޝަނަލް ނޫސްވެރިކަމެއް އަށަގެންނެވުމަށްޓަކައި ރާއްޖޭގައި ސެލްފް-ރެގިއުލޭޓަރީ ނިޒާމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ން މީޑިއާ އޮގަނައިޒޭޝަންތަކަށް ހުށަހަޅައިފި އެވެ.
އެޑިޓަރުންނާ އެކު އެމް.ޖޭ.އޭ އިން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެމްޖޭއޭ އިން ވަނީ, އަވަށްޓެރި ބައެއް ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކުގެ ސެލްފް-ރެގިއުލޭޝަން ތަޖުރިބާތައް، މީޑިއާގެ އިސް ފަރާތްތަކާ ހިއްސާ ކޮށްފަ އެވެ. މިނިވަން މީޑިއާއަކަށް ފުރުސަތު އޮންނާނީ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން، މީޑިއާގެ ފަރާތްތަކުން ކަނޑައަޅާ މުއައްސަސާއަކުން މީޑިއާގެ ކަންކަން ބަލަހައްޓައިގެންކަން ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ސާބިތުވެފައި ކަމަށް އެޑިޓަރުންގެ މި ފޯރަމްގައި އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ. އަދި ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމުގައިވާ މީޑިއާ މޮނިޓަރ ކުރުމުގައި ޑިމޮކްރެސީއާ އެންމެ ދޯޅު ގޮތަކީ ވެސް ސެލްފް-ރެގިއުލޭޝަން ކަމަށް ވާއިރު އެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް އެމްޖޭއޭ އިން ޝައުގުވެރިވާކަން ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، އެ ބައްދަލުވުމުގައި އެމްޖޭއޭ އިން ވަނީ މޭ 3 ވަނަ ދުވަހު ދުނިޔޭގެ ޕްރެސް ފްރީޑަމް ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދިޔުން މުހިންމު ހަރަކާތްތަކާއި އެ ހަރަކާތްތައް ހިންގާނެ ގޮތްތަކާ ބެހޭގޮތުން އެޑިޓަރުންނާ ޚިޔާލު ބަދަލުކޮށްފަ އެވެ.