08 Apr 2015, 16:51
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މިރެއަށް ތާވަލް ކޮށްފި އެވެ.
ޖަލީލުގެ މައްޗަށް ހުކުމް އިއްވަން ތާވަލްކޮށްފައި ވަނީ މިރޭ 10:00 އަށެވެ. ޖަލީލުގެ މައްޗަށް ހުކުމް އިއްވަން މިރެއަށް ތާވަލްކޮށްފައި މިވަނީ މީގެކުރިން ދެފަހަރެއްގެމަތިން ތާވަލްކުރުމަށްފަހު ކެންސަލް ކޮށްފައި ވަނިކޮށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު ޖަލީލު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި މިހާތަނަށް ހުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެކަންޏެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ 13 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށް އަދި ހުކުމް އިއްވަން ތާވަލްކޮށްފައެއް ނުވެއެވެ.