ވޮޝިންޓަން (އެޕްރީލް 8) : އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ކޮންޕިއުޓާ ވިއުގައަށް ރަޝިޔާގެ ހެކަރުން ވަދެގެންފައިވާ ކަމަށް އެމެރިކާ އެއްބަސްވެއްޖެ އެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ސީއެންއެން ބުނާ ގޮތުން ރަޝިޔާގެ ހެކަރުންވަނީ ވައިޓް ހައުސްގެ ކޮންޕިއުޓަރ ވިއުގަ ފޫއަޅުވާލައި އޭގެ ތެރެއަށް ވަދެގެންފައެވެ.

ވައިޓް ހައުސްގެ ކޮންޕިއުޓަރ ވިއުގައަށް ވަދެގަތީ މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ޚާރިޖީ ވުޒާރާ ގެ ސައިބަރ ވިއުގައަށްވެސް ވަދެގަތް ރަޝިޔާގެ ހެކަރުން ކަމަށް ބެލެވޭ ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިއެވެ. ނަމަވެސް ރަޝިޔާގެ ހެކަރުން ވައިޓް ހައުސްއާއި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ސިއްރު މައުލޫމާތުތައް ހޯދިކަން ނުވަތަ ނޫންކަން އެމެރިކާގެ މަސްއޫލުވެރިޔާ ހާމަކުރައްވާފައެއް ނުވެއެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުގެ ނައިބު ބެން ރޮޑެސް ވިދާޅުވީ ވައިޓް ހައުސްގައި ތަފާތު ދެ ވިއުގައެއް ވާނެކަމަށާ އެއްވިއުގައަކީ ކްލެސިފައިޑް ވިއުގައެއް ކަމަށާ އަނެއް ވިއުގައަކީ ކްލެސިފައި ނުކޮށްހުންނަ ވިއުގައެއް ކަމުގައެވެ.

ރަޝިޔާގެ ހެކަރުން ވަދެގަތީ ކްލެސިފައި ނުކޮށްހުންނަ ވިއުގައަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިދެ ވިއުގައަކީވެސް ސައިބައި ސެކިއުރިޓީ އާދަޔާ ޚިލާފަށް ވަރުގަދަކޮށް ހުންނަ ދެ ވިއުގަ ކަމުން ރަޝިޔާގެ ހެކަރުންނަށް އޭގެ ތެރެއިން އެއްވިއުގައަށް ވަދެވުނީ ކިހިނެތްތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި ރޮޑެސް ވިދާޅުވީ ވައިޓް ހައުސްގެ ސައިބައި ސެކިއުރިޓީއާބެހޭގޮތުން ތަފްސީލްކޮށް ވާހަކަ ދެއްކުމަށް އުޒުރުވެރިވާ ކަމުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ސިއްރު މައުލޫމާތު އެންމެ ބޮޑަށް ހުންނާނީ ކްލެސިފައިޑް ވިއުގާގައެވެ. މިކަމާބެހޭގޮތުން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ވައިޓްހައުސް ގެ ތަރްޖަމާން މާކް ސްޓްރޯ ވިދާޅުވީ ވައިޓް ހައުސްގެ ސައިބައި ސެކިއުރިޓީއާ ބެހޭގޮތުންނާ އަދި ސީއެންއެންއިން ފެތުރި ޚަބަރާބެހޭގޮތުންވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަމުގައެވެ.

އެމެރިކާގެ ޖާސޫސީ ކަންތައްތަކާބެހޭ އިސްވެރިޔާ ޖޭމްސް ކްލެޕަރ ވަނީ ރަޝިޔާއަކީ އެމެރިކާގެ ސައިބަރ ވިއުގަތަކަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ސިފަކުރައްވާފައެވެ. ސައިބަރ ސެކިއުރިޓީގައި ޗައިނާއަށްވުރެވެސް ރަޝިޔާގެ ނުރައްކާ ބޮޑުކަމަށް ކްލެޕަރ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)