08 Apr 2015, 16:26
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެސޯސިއޭޝަން އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ ގަދަ 16 ގައި ވާދަކުރުމަށް ފަހު، އަށް ކުޅުންތެރިއަކު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދި އަށް ކުޅުންތެރިންނަކީ އިސްމާއިލް ރަޒީން އާއި މޫސާ ސާމިއު، އަބްދުﷲ އަފީފް، އަހްމަދު ޝަރީފް ހުސައިން، އަހްމަދު ނާސިފް، އަހުސަން ހާސިމް، އަހްމަދު ސޯލިހު އަދި އަލީ ޝާވިން އެވެ.
އެ ކުޅުންތެރިންގެ ތެރެއިން ރަޒީން މުބާރާތުގެ ކުއާޓާ އަށް ދަތުރު ކުރީ މުބާރާތުގެ ގަދަ 16 ގައި އަހުމަދު ޒިޔާންއާ ދެކޮޅަށް ކުޅުނު މެޗު 5-6 ފްރޭމުން ކާމިޔާބު ކޮށްގެނެވެ. އަދި ސާމިއު ކުއާޓާ އަށް ދަތުރު ކުރީ އެމްޕީބީއޭ ރޭންކިންގެ އެއް ވަނައިގައި މި ވަގުތު އޮތް މުހައްމަދު ޝަރީފާ ދެކޮޅަށް ރޭ ކުޅުނު މެޗު ފަސޭހަކަމާއެކު 1-6 ފްރޭމުން ކާމިޔާބު ކޮށްގެނެވެ.
އެ މުބާރާތުގެ ކުއާޓާ އަށް އަބްދުﷲ އަފީފް ދަތުރުކުރީ އޭނާއާ ދެކޮޅަށް ގަދަ 16 ގައި ރޭ ކުޅެން ހަމަޖެހިފައިވާ މުހައްމަދު ދުންޔާޒް މެޗަށް ހާޒިރުނުވުމުންނެވެ. އެ މެޗު އަފީފްއަށް ލިބުނީ 6-0 ފްރޭމްއިންނެވެ. އަދި އެ މުބާރާތުގެ ކުއާޓަރ އަށް ޝަރީފް ދަތުރުކުރީ ގަދަ 16ގައި ހަސަން ޝަފްރާޒްއާ ވާދަކޮށް، 6-5 ފްރޭމުން މެޗު ކާމިޔާބު ކޮށްގެނެވެ.
މުބާރާތުގެ ކުއާޓަރއިން އަހްމަދު ނާސިފް ޖާގަ ހޯދީ އިބްރާހިމް އަބްސަލްއާ ދެކޮޅަށް ކުޅުނު ގަދަ 16ގެ މެޗު 6-1 ފްރޭމުން ކާމިޔާބު ކޮށްގެނެވެ. އަދި އަހްމަދު ރަމްޒީއާ ދެކޮޅަށް ކުޅުނު މެޗު 6-4 ފްރޭމުން ކާމިޔާބު ކޮށް، އަހުސަން ހާޝިމް ވަނީ ރޭ މުބާރާތުގެ ކުއާޓަރއަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ކުއާޓަރއިން އަހްމަދު ސޯލިހު ޖާގަ ހޯދީ، ގަދަ 16ގައި ރޭ ހުސައިން ސަނީފްއާ ދެކޮޅަށް ކުޅުނު މެޗު 6-5 ފްރޭމުން ކާމިޔާބު ކޮށްގެނެވެ. އަދި ހަސަން ރާޖޭޝް މޫސާއާ ދެކޮޅަށް ވާދަކުރި މެޗު 6-2 ފްރޭމުން ކާމިޔާބު ކޮށް، އަލީ ޝާވިން ވަނީ މުބާރާތުގެ ކުއާޓަރގެ ފަހު ޖާގަ ހޯދާފައެވެ.
އެ މުބާރާތުގައި މިރޭ ކުއާޓަރ ފައިނަލް މެޗުތަކުގެ އިތުރުން ސެމީ ފައިނަލް މެޗުތައްވެސް ވަނީ ކުޅެން ހަމަޖެހިފައެވެ. އަދި މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ މާދަމާ އެވެ. މުޅިއަކު 37 ކުޅުންތެރިން ވާދަކުރި އޯޕަން 9 ބޯލް ބިލިއާޑް މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ އެކަކުން ނުވަޔަކަށެވެ.