08 Apr 2015, 15:48
ރ. އުނގޫފާރު ކައުންސިލްގެ ކުރީގެ ރައީސް އަބްދުއްނާސިރު އަލީގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރަށް އަރުވާލަން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ނާސިރުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2004 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޭނާ އުނގޫފާރު އޮފީހުގައި ވަޒީފާ އަދާކުރި އިރު، އިންޖީނުގެއިން އެ އޮފީހަށް ދެއްކި ފައިސާގެ ތެރެއިން އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހު ފޮތުގައި ސޮއިކޮށް ހަވާލުވެފައިވާ 114325.00 ރުފިޔާއަށް އޭނާ ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ.
އެ ހުކުމް ބާތިލްކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ މައްސަލާގައި ހަވާލާދޭ ފައިސާ އަކީ އުނގޫފާރު އިންޖީނުގެއަށް ތެޔޮއެޅުމަށް ނާސިރުގެ އަމިއްލަ އަތުން ޚަރަދުކުރި ފައިސާ އަލުން އަނބުރާ ނެގުމުގެ ގޮތުން ރަށު އޮފީހުން ނަގާފައިވާ ފައިސާއެއްކަން އެނގެން އޮންނަ ކަމަށެވެ.
ނާސިރުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރުވެސް އެކަން އެނގެން އޮންނައިރު، އޭނާގެ ފަރާތުން ދިފާއުގައި ދައްކާފައިވާ ވާހަކަތަކާއި ހެކީންގެ ހެކިބަހާ ދިމާވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އުނގޫފާރު އިންޖީނުގެއަށް އަމިއްލަ ޖީބުން ޚަރަދުކޮށްގެން ނާސިރު ތެޔޮގަނެފައި ވަނީ ސުނާމީ ކާރިސާގެ ދުވަސްވަރު އެރަށަށް ކުރިމަތިވި ޚާއްސަ ހާލަތެއްގައި ކަމަށާއި އަދި އެ ތެޔޮ އިންޖީނަށް އަޅާފައި ވަނީ ރައްކުރިއަރުވާ ކޮމެޓީގެ އިޒުނައާއެކުކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނަ ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ނާސިރުގެ އަތުން ކުރި ޚަރަދު އުނޫފާރު ރައްޔިތުންގެ ފަރާތުން އަނބުރާ އޭނާއަށް ރައްދުކުރިކަން ދައުލަތުން ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތް ކަމަށެވެ.
ނާސިރު ނެގިކަމަށް ބުނާ ފައިސާ އަކީ އޭނާ ދެއްކި ފައިސާއެއް އަނބުރާ ނެގުމުގެ ގޮތުން ކުރިކަމެއްކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮންނައިރު، އޭނާ އެ ފައިސާ ނަގާފައި ވަނީ ނުބައި ނިޔަތެއް އޮވެގެން ކަމާމެދު އޮތް ޝައްކު ފިލައިގޮސްފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ.
ނާސިރަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ބޭބެ އެވެ.