މުއާސަލާތީ ކުންފުނި، ދިރާގުގެ 26 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 16 ގައި ބާއްވަން އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހު 16 ވަނަ ދުވަހުގެރޭ 8:30 ގައި ހޮޓެލް ޖެންގައި ކަމަށެވެ.

ޕަބްލިކް އެހެން ކުންފުނިތަކެކޭ ވެސް އެއްގޮތަށް ދިރާގުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާގައިވާ ގޮތުން އާންމު ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޓް ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރުން ހޮވުން ޖަލްސާގައި އޮންނާނެ އެވެ.

ދިރާގުން ބުނީ މިމަހު ނުވަވަނަ ދުވަހުގެ ކުރިން ދިރާގުގެ ހިއްސާދާރެއްގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ކޮންމެ ފަރާތަކަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށެވެ. ދިރާގުން މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ބަހާފައި ވަނީ ހިއްސާއަކަށް 4.72 ރުފިޔާގެ ރޭޓުންނެވެ.

ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފުފައިދާގެ ގޮތުގައި ލިބިފައި ވަނީ 174.5 މިލިއަން ރުފިޔާ އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ޕަބްލިކް ކުންފުނިތަކުން ކޮންމެ މާލީ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ.