22 Feb 2011, 11:28
ޔޫރަޕިއަން ޕާލަމަންޓްގެ ޑެލިގޭޝަން ފޮރ ރިލޭޝަންސް ވިތް ދަ ކަންޓްރީޒް އޮފް ސައުތު އޭޝިޔާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާއެކު ބާއްވަވާ ގާތް ގުޅުމަށާއި، ރާއްޖެއަށް ފޯރުވައިދެއްވަމުން ގެންދަވާ އިންސާނީ އެހީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމުވުމާ ގުޅިގެން، މިނިވަން ޕާލަމަންޓެއް އުފެދި، ޕާލަމެންޓްގެ ދައުރު އިތުރަށް ފުޅާވެ، ފުރިހަމަ ޑިމޮކްރަސީއެއްގައި ޕާލަމެންޓުން އަދާ ކުރަންޖެހޭ ދައުރު އަދާކުރުމުގެ މަގު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ފަހިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު، މި ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރައްވަމުން، ރާއްޖޭގެ ތަރައްޤީއަށް މަގުފަހި ކުރެއްވުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، އެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރެއްވިފައިވާ ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން، ރާއްޖެފަދަ ކުދި ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއާއި، ސިޔާސީ ދާއިރާގައި އަންހެނުން ދައުރު ފުޅާ ކުރައްވައި އަންހެނުން ބާރުވެރި ކުރެއްވުމާއި، މީޑިއާގެ ދައުރު ފުޅާ ކުރެއްވުމާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތާ ބެހޭގޮތުން މި ވަފްދުގެ ބޭފުޅުން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.