ފްރާންސްގެ އެއާ ޓްރެފިކް ކޮންޓްރޯލްގައި މަސައްކަތް ކުރާ މީހުން ކުރަމުންދާ ހަޅުތާލަކާ ގުޅިގެން އެ ގައުމުގެ ވައިގެ ދަތުރުތަކުގެ 40 ޕަސެންޓް ހުއްޓިއްޖެ އެވެ.

ފްރާންސްގެ މަސައްކަތްތެރިންގެ އިއްތިހާދަކުން އިއުލާން ކުރި ހަޅުތާލުގައި ގިނަ އަދަދެއްގެ އެއާ ކޮންޓްރޯލަރުން ބައިވެރިވާނެތީ ވައިގެ ދަތުރުތަކަށް ހުރަސް އެޅޭނެ ކަމަށް ބެލުމަށް ކުރިން ވަނީ އިންޒާރުކޮށްފަ އެވެ.

ހަޅުތާލުކުރަމުން ދިޔަ ނަމަވެސް މެދުމިނުގެ ދަތުރުތަކުގެ 60 ޕަސެންޓް ކުރިއަށް ގެންދެވޭނެ ކަމަށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސް އިން ވަނީ ބުނެފަ އެވެ. އެ އެއާލައިނުން ބުނެފައި ވަނީ ދިގު ދަތުރުތަކަށް ހަޅުތާލުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ފްރާންސްގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ހަޅުތާލު ކުރަން ފެށީ މުވައްޒަފުންގެ ގޮތުގައި އެމީހުންނަށް ލިބެން ޖެހޭ ބައެއް ހައްގުތައް އުނިވެއްޖެ ކަމަށް ގަބޫލުކުރެވިގެންނެވެ. އެމީހުން ރުޅި އައި އެއް ސަބަބަކީ މަސައްކަތުން މުސްކުޅި ކުރާ އުމުރުން 67 އަހަރުން 69 އަކަށް ބަދަލުކުރުމެވެ.

އިތުރު ހަޅުތާލުތައް މިމަހުގެ 16 ވަނަ ދުވަހާއި 18 ވަނަ ދުވަހުވެސް ކުރާނެ ކަމަށް ކޮންޓްރޯލަރުން ބައިވެރިވާ މަސައްކަތްތެރިންގެ އިއްތިހާދުން ވަނީ ބުނެފައެވެ. (އޭޕީ)