ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްއޭއެމްގެ 14 އަހަރުން ދަށުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު އޭއެފްސީ 14 އަހަރުން ދަށުގެ ރީޖަނަލް އަންހެން މުބާރާތުގައި ބައިވެރި ވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެފްއޭއެމް ވިމަންސް ފުޓްބޯލް ޑިޕާޓްމެންޓް ހެޑް މާޔަން މުހައްމަދު ވިދާޅުވީ މިއީ އެފަދަ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށާއި، މިއީ އަންހެން ފުޓްބޯޅައަށް ރާއްޖޭގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އެ މުބާރާތުގައި ބައިވެރިވެފައި ވަނީ ވޭތުވެދިޔަ ދެ އަހަރު އެފްއޭއެމްގެ ބެލުމުގެ ދަށުން ތަމްރީނު ވެފައިވާ 14 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމު،" މާޔަން ވިދާޅުވި އެވެ. "މިއީ އަންހެން ފުޓްބޯޅަ އިތުރަށް ކުރިއަރުވަން އަޅުގަނޑުމެން ނިންމި ނިންމުމެއް. މިކަމުގެ ސަބަބުން ރާއްޖޭގައި އަންހެން ފުޓްބޯޅައަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ."

އޭގެ އިތުރުން މާޔަން ވިދާޅުވީ އެ މުބާރާތުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމަށް އިރުޝާދު ދެއްވާނީ މިދިޔަ އަހަރު ރާއްޖޭގެ ސީނިއާ އަންހެން ގައުމީ ޓީމާ ހަވާލުވި ޖަޕާނުގެ ތަޖުރިބާކާރު ކޯޗް ނައޯކޯ ކަވަމޯޓޯ ކަމަށެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ޝާނީޒް ހަމަޖައްސާފައިވާއިރު، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މާޔަން އާއި އަރީޝާ ހަރަކާތްތެރިވާނެ ކަމަށް ވެސް މާޔަން މައުލޫމާތު ދިނެވެ.

މި މަހުގެ 20 ން 25 ހަށް ނޭޕާލްގައި ކުރިއަށް ގެންދާ އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 14 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމް ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ހަތަރު ޒޯނަކަށް ބަހާލައިން ކުރިއަށް ގެންދާ އޭއެފްސީ އަންޑަރ 14 ގަރލްސް ރީޖަނަލް ޗެންޕިއަންޝިޕްގައި ރާއްޖެ ވާދަކުރަނީ ސައުތު އެންޑް ސެންޓަރަލް ޒޯން މުބާރާތުގަ އެވެ. އެ ޒޯންގެ އިތުރުން އެ މުބާރާތުގައި ދެން ހިމެނެނީ އާސިއާން ޒޯން އާއި އީސްޓް އަދި ވެސްޓް ޒޯނެވެ.

ނުވަ ޓީމް ހިމެނޭ ސައުތު އެންޑް ސެންޓްރަލް ޒޯންގައި ޓީމްތައް ދެ ގްރޫޕަކަށް ބަހާލާފައި ވާއިރު، ރާއްޖެ ހިމެނޭ ގްރޫޕް "އޭ"ގައި ދެން ހިމެނޭ ޓީމްތަކަކީ އެންމެ ފަހުން އެ ޒޯންގެ ޗެންޕިއަންކަން ހޯދި ނޭޕާލްގެ އިތުރުން، ސްރީލަންކާ އާއި އީރާން އެވެ. އަދި ގްރޫޕް "ބީ"ގައި ހިމެނެނީ ބޫޓާން އާއި ބަންގްލަދޭޝް އަދި އިންޑިއާ އެވެ.