ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުންދާ ވިލާ ހޮލިޑޭ ކުންފުންޏަށް ދޫކޮށްފައިވާ ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުން މިއަދު ނިންމި ނިންމުގައި ވަނީ ވިލާއަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކަކީ މާލީ ގެއްލުންތަކަކަށް ވާއިރު، އެފަދަ ގެއްލުމަކީ އަދުލުވެރިގޮތެއްގައި އަނބުރާ އިއާދަކުރެވިދާނެ ގެއްލުމެއް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

ވިލާއިން އެދިފައިވާގޮތަށް ވަގުތީ އަމުރު ނެރެފިނަމަ، ދައުވާގެ މައުޟޫއަށް ގޮތެއް ކަނޑައެޅިގެންދާނެތީ، މިހިނދުގައި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފަ އެވެ.

ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާ ފަޅު ވިލާއަށް ދީފައި ވަނީ ސަރުކާރުން އެކުންފުންޏަށް ދިނުމަށް އެއްބަސްވި ހދ. ހަނިމާދޫގެ ބިމުގެ މައްސަލައާ ގުޅިގެން 9.2 މިލިއަން ރުފިޔާ ވިލާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެފައިސާ ސަރުކާރަށް ދެއްކެން ނެތުމުންނެވެ.

އެ ދެ ފަޅު ދިނުމުގެ އިތުރުން އެ ފައިސާގެ ބަދަލުގައި ވިލާއިން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ ބައެއް ވެސް ވަނީ މައާފްކޮށްދީފައެވެ.