ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، ކާނިވާ ސަރަހައްދުން ފެށިގެން އުސްފަސްގަނޑާ ހަމައަށް ބަންދުކޮށް، ކުރީގެ އާދަކާދަ ދައްކުވައިދޭ ރަށެއް ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާ ކަމަށް މިނިވަން ފަންސާސް އޮފީހުން ހާމަކޮށްފި އެވެ.

އެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ މިނިވަން ފަންސާސް ފާހަގަކުރުމަށް ހިންގާ ކުލަގަދަ އެ ހަރަކާތްތަކަށް، ކާނިވާ ސަރަހައްދުން ފެށިގެން އުސްފަސްގަނޑާ ހަމައަށް ބަންދުކޮށް އެ ސަރަހައްދުން އަތޮޅުތެރޭ ރަށެއްގެ ގޮތަށް ޑިޒައިންކޮށް އަތޮޅުތެރޭ ރަށްރަށާއި ކުރީ ޒަމާނުގެ އާދަކާދައިގެ ކުލަވަރު ދައްކާލާނެ ކަމަށެވެ. އަދި އެތަނުގައި ކުރީޒަމާނުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

"އަޅުގަންޑުމެން އެ ސަރަހައްދު މި ތައްޔާރު ކުރަނީ އަތޮޅުތެރޭ ރަށެއްގެ ކުލަ ޖެހޭ ގޮތަށް. ތައްޔާރުކޮށް އެތަނުގައި ގެތައް ވެސް އަޅާނެ. އަދި 20 އަތޮޅަކަށް ހާއްސަ 20 ހަރުގެ އެއް ހުންނާނެ. އަދި ހަމަ އެ ސަރަހައްދު މޫދުން ކުރީ ޒަމާނުގައި ބޭނުންކޮށް އުޅުނު ރިޔާ ދޯނިފަހަރު ދަތުރުކުރާ ތަންވެސް ފެންނާނެ. އޭގެ އިތުރުން ކުރީ ޒަމާނުގެ އާދަކާދަ ދައްކުވައިދޭ ހާއްސަ ހަރަކާތްތަކެއް ވެސް އެ ސަރަހައްދުން ފެނިގެންދާނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެކަމަށްޓަކައި މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން "ފުނަ ހަރަކާތް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ހުރިހާ ރަށަކުން ވެސް އެ ރަށަކުން ކުރިއަށްގެންދާނެ ހަރަކާތްތަކުގެ ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ކޮންމެ އަތޮޅެއްގަ ވަކިން ގެންދާނެ ފުނަ ހަރަކާތް. ފުނަހަރަކާތް ފާހަގަކުރެވޭނީ ކޮންމެ އަތޮޅަކުން ވެސް ހުރިހާ ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ރަށުގައި. ދެން އެ ހަރަކާތްތަކުގެ ތެރެއިން ހޮވާލެވޭ ހަރަކާތްތަކެއް މާލޭގެ މި ބަންދުކުރާ ސަރަހައްދުން ފެނިގެން ދާނީ،" ސަލީމް ވިދާޅުވި އެވެ.

އެގޮތުން އަތޮޅުތެރޭގައި ފާހަގަކުރާ ފުރަތަމަ "ފުނަ" ހަރަކާތް ފ. ނިލަންދޫގައި އަންނަ މަހު އެކެއް އަދި ދެ ވަނަ ދުވަހު ފާހަގަކުރަން ވަނީ ނިންމާފަ އެވެ. މާލޭގެ އިރުމަތީ ފަރާތް ބަނދުކޮށްގެން ހާއްސަ ކުޅިވަރުގެ އީދެއް ހިންގަން ނިންމާފައި ވަނީ ޖުލައި 26 ގައި ކަމަށް މިނިވަން ފަންސާސް އިންތިޒާމުކުރާ އޮފީހުން ބުންޏެވެ.