08 Apr 2015, 13:02
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބަންދުގެ މުއްދަތު އިތުރުކުރި ރޭ ކަން ހިނގާދިޔަ ގޮތާއި ގުޅޭ ގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ފުލުހުން ޖަވާބުދާރީ ވެއްޖެ އެވެ.
ފުލުހުން ބުނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި މަހުލޫފް 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މި މަހުގެ ތިން ވަނަ ދުވަހު ނިންމުމާ ގުޅިގެން އެރޭ ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބެލުމަށްފަހު އެކަން ޕީއައީސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ މަހުލޫފް ދޫނިދޫއަށް ގެންދަން ފުލުހުންގެ ވެހިކަލަށް އަރުވަން ނެރުނު ވަގުތު އޭނާގެ އާއިލާގެ މެމްބަރަކު އެ ސަރަހައްދުގައި ހުރެ އަޑުގަދަ ކުރަން ފެށުމުން މަހްލޫފް ވެހިކަލަށް އަރަން ވަނީ ދެކޮޅު ހައްދަވާފައި ކަމަށެވެ. އަދި އާއިލާގެ އިތުރު މެމްބަރަކު އެވަގުތު އެތަނުގައި ތިބި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ފުލުހުންގެ ސަފު ފަޅާލައި އެތެރެއަށް ވަނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
ފުލުހުން ޕީއައިސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަހުލޫފް ފުލުހުންގެ ވެހިކަލަށް އެރުމަށް ދެކޮޅުހަދައި ފުލުހުންގެ ވެހިކަލް ކުރިމަތިން މާފަންނާ ވީކޮޅުން ހިލާލީގެއާ ދިމާއަށް ދުއްވައިގެންފައިވާ ކަމަށެވެ. އަދި ފުލުހުންގޮސް ހިލާލީގޭ ކަންމަތިން މަހުލޫފް ހުއްޓުވުމުން ވަނީ ބިންމައްޗަށް ވެއްޓެން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އެވަގުތު މަހުލޫފް ގެންދަން މަސައްކަތް ކުރުމުން އޭނާގެ އާއިލާގެ ދެ މެމްބަރަކު ވަނީ މަހްލޫފް ގެންދިއުމަށް ހުރަސްއަޅައި ފުލުހުންގެ މަސައްކަތަށް ދަތިކޮށް ވާޖިބު އަދާކުރުމަށް ހުރަސްއަޅައި މަހުލޫފް ވެހިކަލަށް އެރުވިޔަ ނުދީ އޭނާގެ ގައިގާ ބައްދައި ހަދާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެވަގުތު އޭނާގެ އާއިލާގެ މެމްބަރުން ދުރުކުރަން މަސައްކަތް ކުރި ނަމަވެސް އާއިލާގެ މެމްބަރަކަށް ވެސް އަދި މަހްލޫފަށް ވެސް އަނިޔާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި މަހްލޫފަށް އެއްވެސް އަނިޔާއެއް ނުލިބޭކަން ފުލުހުންގާތު ބުނެފައިވާ ކަމަށް ވެސް ޕީއައިސީއަށް ފޮނުވި ސިޓީގައި ބުނެފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.