ނުގަވައިދުން މީހުން ހައްޔަރު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރާ އދ.ގެ ގްރޫޕް (ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން) އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަންދުގެ މައްސަލަ ހުށަހަޅަން އެ މަނިކުފާނުގެ ގާނޫނީ ޓީމުން މަސައްކަތް ފަށައިފި އެވެ.

މޫކައިހޮޓަލުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ރައީސް ނަޝީދުގެ ބަންދުގެ މައްސަލަ އެ ގްރޫޕަށް ހުށަހެޅުމުގެ މަސައްކަތް ރައީސް ނަޝީދުގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންނެވި ބައިނަލް އަގުވާމީ ވަކީލުން ފަށްޓަވާފައިވާ ކަމަށެވެ.

"...އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ ހަމަ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޔޫއެން ވޯކިން ގްރޫޕަށް މިމައްސަލަ ހުށަހެޅޭނެ ކަމަށް. ދެން އޭގައި ވަކި މުއްދަތެއް ދަންނަވަން އަޅުގަނޑުމެންނަށް އަދި ވަރަށް ދަތި. އެއީ އިއްޔެ އަދި ކިރިޔާ ރަސްމީކޮށް އެބޭފުޅުންގެ މަސައްކަތް އެ ފެއްޓެވީ،" ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދި އެމަނިކުފާނުގެ ސަރުކާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ބައިނަލް އަގުވާމީ ވަކީލުން ކޮންޓްރެކްޓަކާ އެކީ މަސައްކަތް ކުރައްވަން ފެއްޓެވީ އިއްޔެގައި ކަމަށް ވިޔަސް އެބޭފުޅުންގެ ބައެއް ޑްރާފްޓްތައް ލިބި، އެއަށް ރާއްޖޭގެ ޓީމުން އިތުރުކުރަން ބޭނުންވާ ކަންތައްތައް އިތުރު ކުރުން ފަދަ ބައެއް ކަންތައްތައް ކުރިން ކޮށްފައިވާ ކަމަށެވެ.

ހަސަން ލުތުފީ ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރުމަށް ބައިނަލް އަގުވާމީ ގޮތުން ކުރާ މަސައްކަތުން އެމަނިކުފާނު މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށާއި ނަޝީދު ހުންނެވީ އެ އުއްމީދުގައި ކަމަށެވެ.

ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ، ޖެރެޑް ޖެންސަރ، ބެން އެމާސަން (ކިއު.ސީ) އަދި އަމާލް ކްލޫނީ އެވެ.

ޖެރެޑް ޖެންސާއަކީ ސިޔާސީ ކުށްވެރިން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ފްރީޑަމް ނައުގެ ފައުންޑަރެކެވެ. އަދި ބެން އެމަރސަން (ކިއު.ސީ) އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އޭގެ އިތުރުން އަމާލް ކްލޫނީއަކީ ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އަދި ހިއުމަން ރައިޓްސް ލޯގެ ދާއިރާގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ.