މަރުގެ ރިޕޯޓް ދޫކުރުމަކީ މާލޭ ހެލްތު ސާވިސާސް އުފެއްދި ފަހުން އެ ކޯޕަރޭޝަނުން ކުރާ ކަމެއް ކަމަށާއި އެއީ ހެލްތު މިނިސްޓްރީއާ ބެހޭ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައި މި ވަނީ މާރާމާރީއެއްގައި މަރާލާފައިވާ މ. ބިއުޓީފްލާވާސް، މުހައްމަދު ހުސެއިންގެ މަރުގެ ރިޕޯޓް ދިނުމަށް އެދި ފުލުހުން ފޮނުވި ސިޓީއަށް ޖަވާބު ނުދިން މައްސަލައިގައި ކަންހިނގައި ދިޔަ ގޮތް ސާފު ކުރުމަށް މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް ހާޒިރުވުމަށް އެންގުމުންނެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މުހައްމަދު ހުސެއިންގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ގ. ކޯޒީ، އިބްރާހިމް ޝަހުމް ބަންދުން ދޫކޮށްލީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުން އެކަމާ ގުޅޭ ގޮތުން ބަޔާން ނެރެ މީޑިޔާއަށް މައުލޫމާތު ދެނީ އޮޅުންއަރައި، ދައުލަތާ މެދު ޝައްކު އުފެދޭ ގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މެއި 31، 2010 ގައި މާލޭ ހެލްތު ސާވިސާސް ކޯޕަރޭޝަން އުފެއްދުމާ ގުޅިގެން އައިޖީއެމްއެޗުން ދޫކުރާ ލިޔުންތައް ދޫކުރަނީ އެ ކޯޕަރޭޝަނުން ކަމަށެވެ. އަދި މަރުގެ ރިޕޯޓް ފަދަ ތަކެތި ހޯދުމަށް ހުށަހަޅަން ޖެހޭނީ އެ ކޯޕަރޭޝަނަށް ކަމަށް ސެޕްޓެމްބަރު 6، 2010 ގައި ފުލުހުންނަށް ވެސް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ހެލްތު ސާވިސާސް އިން ދޫކުރަން ޖެހޭ ލިޔުމެއް ނުލިބިގެން ކަމަށް ބުނެ ޑރ. އައިމިނަތު ޖަމީލް ހާޒިރުވުމަށް އަމުރެއް ނެރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ނިންމުމެއް ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުން ދޫކޮށްލާފައިވާ ޝަހުމަކީ ބަންދުވުމުގެ ކުރިން ވެސް ފުލުހުންނަށް ފިލައިގެން އުޅުނު މީހަކަށްވީއިރު ލިޔުންތަކެއް ނުލިބިގެން އޭނާ ބަންދުން ދޫކޮށްލުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހެލްތު މިނިސްޓަރު ކޯޓަށް ހާޒިރުވުމަށް ނެރުނު އަމުރު ބަންޑާރަ ނައިބުގެ އޮފީހުން އިސްތިއުނާފް ކުރުމާ ގުޅިގެން އެ އަމުރު ތަންފީޒު ނުކުރުމަށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް މިއަދު އަމުރުކޮށްފަ އެވެ.