08 Apr 2015, 12:21
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ސްޓްރެޓިޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައިފި އެވެ.
އޭސީސީން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕްލޭން އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
އެ ޕުލޭން އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ވޭތުވެދިޔަތަނުގައި ވެސް ގޮންޖެހުންތަކާއެކު ވެސް އޭސީސީން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެ ޕްލޭން ތަންފީޒު ކުރުމަށާއި އޭސީސީން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވެދެއްވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތިބޭފުޅުން މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ފީނޭންސް މިނިސްޓުރީގެ ފަރާތުން ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ، އެއީ ބަޖެޓުން މާލީ ތަނަވަސްކަން ވިޔަސް އެއީ މުވައްޒަފުން އިތުރު ކުރަން ކަމުގައިވިޔަސް އަދި ތަނުގެ ދަތިކަން ވިޔަސް އަދި ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދިއުންކަމުގައިވިޔަސް" މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.
އެއެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި މުއައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވިދާޅުވެ އެކަމަށް ފިރުހަމަ އެއްބާރުލުން ދިނުމަށް ޖިހާދު ވަނީ އެދިވަޑައިގެންފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. މިއަދު އިފްތިތާހު ކުރި ޕްލޭނަކީ އޭސީސީގެ މުވައްޒިފުން ވަރަށް ބުރަ މަސައްކަތުން ކުރި މަސައްކަތެއް ކަމަށާއި އެ ޕްލޭނުން ހާސިލް ކުރަންވީ ކަންތައްތައް އެ ކޮމިޝަންގެ މުވައްޒަފުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
އޭސީސީން ބުނީ އެ ސުޓުރެޓިޖިކް ޕްލޭންގެ އަމާޒަކީ ކޮރަޕްޝަން މަނާކުރަން ހަރުދަނާ ގާނޫނެއް ކަނޑައެޅުން ކަމަށެވެ. އެކަން ކުރުމަށް ސިޔާސީ ފަރާތްތަކާ ގުޅިގެން ކޮރަޕްޝަންގެ މައްސަލަތައް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށާއި ކޮރަޕްޝަންގެ ގޮތުގައި ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދައިދޭނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ އަމަލު ހިންގާ ފަރާތްތަކާމެދު ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރުމަށް އިދާރީ ހިންގުން ހަރުދަނާ ކުރާއިރު އޭސީސީއަކީ އައިއެސްއޯ ސެޓްފައިޑް އޯގަނައިޒޭޝަންއަކަށް ހެދުމަކީ ޓާގެޓެއް ކަމަށް އެކޮމިޝަނުން ބުންޏެވެ. ހަމައެއާއެކު ޒަމާނީ ޓެކްނޮލޮޖީތަރައްގީ ކުރުމާއި އޮންލައިންކޮށް މައްސަލަތައް ބެލެހެއްޓުން ހިމެނޭ ކަމަށް ބުންޏެވެ. ހަމައެއާއެކު ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މިއަދު މިއަދު ތައާރަފް ކުރި ޕްލޭނަކީ ތަންފީޒު ކުރެވޭނެ ޕްލޭނެއް ކަމަށާއި އޭސީސީއިން މީގެ ކުރިން ހެދި ސުޓުރެޖިކް ޕްލޭނުގެ ތަޖުރިބާއަށް ބަލައި އެކަން ކުރައްވާނެ ކަމަށެވެ.