08 Apr 2015, 12:04
ރާއްޖޭގެ ހަތަރު ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ށ. ގޮއިދޫ އާއި ށ. މާއުނގޫދޫ އާއި ގއ. ގެމަނަފުށި އަދި ގދ. މަޑަވެލީގެ ކުނިމެނޭޖުކުރާ މަރުކަޒުތައް ގާއިމް ކުރުމަށް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.
ކުނިމެނޭޖުކުރާ މަރުކަޒުތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެންވާރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.
ށ. ގޮއިދޫގެ ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އައިއެސްއެފް ކޮންސްޓްރަކްޝަންއާއެވެ. އެ ރަށުގެ މަރުކަޒު އިމާރާތް ކުރުމަށް ޖުމްލަ 682،811 ރުފިޔާ ޚަރަދުވާއިރު އޯގަސްޓު މަހުގެ އަށް ވަނަ ދުވަހު އެ މަރުކަޒުގެ މަސައްކަތް ނިމޭނެ ކަމަށް އެންވާރަމެންޓު މިނިސްޓްރީން ބުންޏެވެ.
މާއުނގޫދޫ އާއި މަޑަވެލީގެ ކުނިމެނޭޖުކުރާ މަރުކަޒު އިމާރަތް ކުރުމަށްވެސް ހަވާލު ކޮށްފައިވަނީ އެ ކުންފުންޏާއެވެ. އެންވާރަމެންޓް މިނިސްޓްރީން ބުނީ މާއުނގޫދޫގެ ކުނިމެނޭޖުކުރާ މަރުކަޒު ގާއިމް ކުރުމަށް 691،416 ރުފިޔާ ޚަރަދުވާއިރު މަޑަވެލީގައި އިމާރާތް ކުރާ މަރުކަޒަށް 706،682 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެ ޕްރޮޖެކްޓްވެސް އަންނަ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގެމަނަފުށީ ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ ބްރަދަހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ޕްރޮޖެކްޓަށް 728،955 ރުފިޔާ ޚަރަދުވާނެ ކަމަށް ބުނެފައިވާއިރު އެ މަރުކަޒު ވެސް އަންނަ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެންވާރަމެންޓު މިނިސްޓްރީން ބުންޏެވެ.
އެ މަރުކަޒުތަކުގައި ކޮމްޕޯސްޓިން ޕެޑްތަކާއި ކުނި އަތުރާނެ ތަނަކާއި ފެނާއި ކަރަންޓު އަދި އެކުއިޕްމެންޓް ކޮޓަރިއެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.