އެންމެން ޓެކްނޯލޮޖީއަށް ބަރޯސާވާ މިފަދަ ޒަމާނެއްގައި ތިމާ ގެންގުޅޭ މޯބައިލްފޯނުގެ ބެޓެރީ ޗާޖުގޮސް އަލުން ފޯނު ޗާޖުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމަކީ ގިނަބަޔަކު މާޔޫސްކުރުވާ ކަމެކެވެ. ނަމަވެސް އެއީ މިހާރު މާޒީއެވެ. ސައިންސްވެރިން މި ވަނީ، ބަރާބަރު މިނިޓަކުން ފުލްކޮށް ޗާޖުވާ ބެޓެރިއެއް އީޖާދުކޮށްފަ އެވެ.

ކެލިފޯނިއާގެ ސްޓެމްފޯޑް ޔުނިވަރސިޓީގެ ރިސާޗްޓީމުން ވަނީ، މިހާރު ސްމާޓް ފޯނުތަކުގައި ބޭނުންކުރާ "ލިތިއަމް-އައޮން" ބެޓެރީގެ ބަދަލުގައި ބޭނުންކުރާނޭ "އެލްމިނިއަމް" ބެޓެރީއެއް އީޖާދުކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން އެއީ ތިމާވެއްޓާ ވެސް ރަހްމަތްތެރި އަދި ހޫނުގެ ސަބަބުން ފަޅައިގެން ވެސް ނުދާނެ ރައްކާތެރި ބެޓެރިއެކެވެ.

"އަހަރެމެން މިވަނީ، ސްޓޮރޭޖް ޑިވައިސްތަކުގައި މިހާރު ބޭނުންކުރާ، ތިމާވެއްޓަށް ގެއްލުންލިބޭ، އަލްކަލައިން ބެޓެރި އާއި ބައެއް ފަހަރު ހޫނުވުމުގެ ސަބަބުން ބައެއްފަރު ގޮވާ ފާޑުގެ ލިތިއަމް-އައޮން ބެޓެރީގެ ބަދަލުގައި ބޭނުންކުރެވޭނެ ރިޗާޖަބްލް އެލްމިނިއަމް ބެޓެރިއެއް އުފައްދާފައި،" ސްޓެމްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ ހޮންޖީ ޑާއީ ވިދާޅުވެފައި ވެއެވެ.

"އަހަރެމެން އަލަަށް މިއުފެއްދި ބެޓެރި، ތޮރުފާލިނަމަވެސް އޭގައި އަލިފާނެއް ނުހިފާނެ."

އަލަށް އީޖާދުކުރި މި ބެޓެރީގެ އެންމެ ހާއްސަ ދެކަމަކީ، އެ ބެޓެރިއަކީ، ބޭނުންވާ އާލާތަށް ފަސޭހައިން ފިޓްކޮށްލެވޭގޮތަށް "ގުދު"ކޮށްލެވޭ ބެޓެރިއެކެވެ. އަދި އާންމުކޮށް ގެންގުޅޭ ބެޓެރިތަކާ އަޅައިބަލާއިރު މި ބެޓެރި އުފެއްދުމަށް ދާ ޚަރަދުވެސް ކުޑައެވެ.

ބެޓެރި އުފެއްދި ރިސާޗު ޓީމުން ބުނީ، ކާމިޔާބުކަމާއެކު އުފެއްދުނު މި އެލްމިނިއަމް ބެޓެރިއަކީ އަހަރުތަކެއްގެ ދިރާސާ ކަމަށެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ޗާޖުކޮށް އަދި ޑިސްޗާކުރުމުން ފުރިހަމަ ވޯލްޓޭޖެއް އެބެޓެރިން އުފެއްދޭނެ މެޓީރިއަލެއް ހޯދުމަކީ އަދިވެސް ގޮންޖެހުމެއް ކަމަށެވެ.

މީގެ ކުރިން އުފައްދާފައިވާ އެލްމިނިއަމް ބެޓެރި 100 ވަރަކަަށްފަހަރު، ޗާޖް-ޑިސްޗާޖް ވުމުން ހަލާކުވި ނަމަވެސް، ސްޓެމްފޯޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން އުފެއްދި ބެޓެރި، މައްސަލައެއް ދިމާނުވެ، 7500 ފަހަރު ޗާޖުކުރެވޭނެ ކަމަށްވެއެވެ.

އާންމުގޮތެއްގައި ގެންގުޅޭ ލިތިއަމް-އައޮން ބެޓެރީއެެއް މައްސަލަ ދިމާނުވެ ޗާޖުކުރެވެނީ 1000 ވަރަކަށް ފަހަރުއެވެ.

ޕްރޮފެސަރު ޑާއީ ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ ސްޓޯކުރެވޭގޮތަށް އަލަށް އުފެއްދި އެލްމިނިއަމް ބެޓެރީ ބަދަލުކުރެވިއްޖެ ނަމަމަ އޭގެ އުމުރު އިތުރަށް ދިގުވެގެން ދާނެކަމަށެވެ. އަދި ފަހުގެ މިހާތަނަށް އެޓީމުން ހާމަކޮށްފައި ނުވާ، ފަހުގެ ހޯދުންތަކުން އެނގިފައވާ ގޮތުގައި އެލްމިނިއަމް ބެޓެރީ އެތަކެއް ހާސްފަހަރުވެސް ޗާޖުކުރެވިދާނެއެވެ.

އަލަށް އުފެއްދި އެލްމިނިއަމް ބެޓެރީ ކިތަންމެ ކާމިޔާބު ނަމަވެސް ރިސާޗަރުން ދެކިލައްވާ ގޮތުގައި އާލާތްތަކުގައި ހަރުކުރެވިގެން އާންމުންނާ ހަމައަށް އެ ބެޓެރީ ގެނައުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. (ސީއެންބީސީ)