08 Apr 2015, 14:20
ކަރަންޓް ބިލުގެ ރޭޓުތައް ގެނައި ބަދަލަށް އެކަށީގެންވާ ހައްލެއް ލިބެންދެން ކަރަންޓް ބިލަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް ފުވައްމުލަކު ވިޔަފާރި ވެރިން އެދިއްޖެ އެވެ.
ފުވައްމުލަކުން "ސަން"އާ ވާހަކަ ދެއްކި ވިޔަފާރި ވެރިއަކު ބުނީ އެ ރަށަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުގެ ވެރިންނާއި އިއްޔެ ބައްދަލު ކޮށްފައި ވަނީ ކަރަންޓް ބިލުގެ ރޭޓުތަކަށް އެއްވެސް އެނގުމަކާއި ނުލައި ގެނައި ބަދަލާ ގުޅިގެން ކަމަށެވެ. އެގޮތުން ރޭޓް ތަކަށް ގެނައި ބަދަލަށް ހައްލެއް ލިބެންދެން އެއްވެސް ޖޫރިމަނާއެއް ނުވާ ގޮތަށް ކަރަންޓް ބިލަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ވިޔަފާރިވެރިންގެ ފަރާތުން އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކު ވިޔަފާރިވެރިން ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާ ކުރަނީ: ފޮޓޯ-- ކިޔުންތެރިއެއް
ނަމަވެސް އެކަމަކީ އެބޭފުޅުންނަށް ބަދަލު ގެނެވޭނެ ކަމެއް ނޫން ކަމަށާއި އެބޭފުޅުންނަކީ ތަންފީޒު ކުރަން ތިބޭ ބައެއް ކަމަށް ފުވައްމުލަކުގައި ތިބޭ ފެނަކައިގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ސަން"އާ ވާހަކަ ދެއްކި ފުވައްމުލަކު ވިޔަފާރިވެރިޔާ ބުނީ މައްސަލަ ފެނަމްތިވީ ކަރަންޓް ރޭޓަށް ބަދަލު ގެނައުމުން ކަމަށެވެ. އެގޮތުން ކުރިން 301 ޔުނިޓަށް ނަގަމުން ގެންދިޔައީ 3.50 ރުފިޔާ ކަމަށެވެ. ނަމަވެސް މިފަހަރު ބިލު އައިރު ޔުނިޓަކަށް ޗާޖުކޮށްފައި ވަނީ 6 ރުފިޔާ. ކަމަށާއި އަދި އެއަށްވުރެ ދަށް ބޭންޑުތަކަށް ވެސް އެއް ރުފިޔާ އާއި ދެ ރުފިޔާގެ މަގުން ޗާޖު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިވަރުން ކިހިނެއްތޯ އަޅުގަނޑުމެން ދެކޮޅު ޖައްސާނީ. މިބަދަލު ގެނައީ ވެސް އެއްވެސް އެނގުމެއް ނެތި،" ސަންއާ ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.
އޭނާ ބުނީ ސަރުކާރުން ވިޔަފާރިވެރިންނަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލި ވާހަކަ ދައްކާއިރު، މިއޮތް ހުރިހާ ދުވަހު ވެސް އެ ރަށުގެ ވިޔަފާރި ވެރިން ދިޔައީ ސަބްސިޑީ ދައްކަމުން ކަމަށެވެ. އަދި އެކަން މާލޭގައި ތިއްބެވި ވެރިންގެ ސަމާލު ކަމަށް ގެނައުމަށް ވެސް ވިޔަފާރިވެރިން ފުވައްމުލަކުގައި ތިބޭ ފަނަކަ ކޯޕަރޭޝަންގެ އިސްވެރިންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

ފުވައްމުލަކު ވިޔަފާރިވެރިން ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާ ކުރަނީ: ފޮޓޯ--ކިޔުންތެރިއެއް
އެކަމާ ގުޅިގެން ފުވައްމުލަކުގައި ތިބޭ ފެނަކަ ކޯޕަރޭޝަނުން ވަނީ އެކަމާ ގުޅިގެން މައުލޫމާތު ސާފު ކުރަން މާލޭގައި ތިބި ފެނަކައިގެ އިސްވެރިންނާއި ގުޅުމަށް އެދިފަ އެވެ.
ރަށްރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައިން ކަރަންޓް ރޭޓް ތަކަށް ގެނައި ބަދަލާ ގުޅުިގެން ގިނަ ވިަފާރިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްތަކުން ވިޔަފާރިތައް އެއް ދުވަހަށް ބަންދު ކުރިއިރު، ބައެއް ވިޔަފާރިވެރިން ވަނީ ތަކެތީގެ އަގުބޮޑު ކޮށްފަ އެވެ.
ރޭޓުތަކަށް ބަދަލު ގެނެސްފައިވާއިރު، އެންސްޕާ އިން ވަނީ ވިޔަފާރި ވެރިންނަށްދޫކުރަމުން ގެންދިޔަ ސަބްސިޑީ ވެސް ކަނޑާލާފަ އެވެ.