ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާއަށް ލަނޑެއް ކާމިޔާބު ނުކުރެވި ގިނަ ދުވަސް ވިޔަސް އޭނާގެ ފޯމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ނޭމާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ބާސާގެ ތަމްރީނުތަކުގައި ނޭމާ ދައްކަމުން ދާ ޕާފޯމެންސަށް ބަލާއިރު، އޭނާގެ އެންމެ ރަނގަޅު ފޯމުގައި ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ގަބޫލް ކުރެވެ ކަމަށެވެ.

"ނޭމާއާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް. މި ދައްކަނީ އާދައިގެ ކުޅުންތެރިއެއްގެ ވާހަކައެއް ނޫން. ތަމްރީނުތަކުގައި ނޭމާ މިހާރު ދައްކަމުން ދާ ޕަރފޯމެންސަށް ބަލާއިރު، އޭނާ އޭނާގެ އެންމެ ރަނގަޅު ފޯމަށް އެޅި، އަނެއްކާވެސް ބާސާއަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްދޭން ވަރަށް އަވަހަށް ފަށާނެކަން ގަބޫލު ކުރެވޭ،" އެންރީކޭ ބުންޏެވެ.

އެންރީކޭ އެހެން ބުނެފައިވާއިރު، ބާސާއަށް ކުޅުނު މެޗެއްގައި ނޭމާ އެންމެ ފަހުން ގޯލެއް ޖަހާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު 15 ގައި 5-0 ގެ ނަތީޖާއަކުން ލެވަންޓޭ ބަލިކުރި މެޗުގަ އެވެ. ނަމަވެސް އޭނާ މި ސީޒަންގައި މިހާތަނަށް ކުޅުނު 20 މެޗުގައި މުޅިއަކު 17 ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، ކޯޗް އެންރީކޭ ވަނީ އޭނާ ލަނޑުތަކެއް ނުޖެހިޔަސް ދަނޑުމަތީގައި ޓީމަށް ގިނަ އެހީތަކެއް ވެދޭކަން ފާހަގަ ކޮށްފައެވެ.

"މިހާރު ނޭމާ ޓީމަށް އެހީވަނީ ގިނަ މީހުންނަށް ނުވިސްނޭ ފަދަ ގޮތަކަށް. އަދިވެސް އޭނާ ބާސާގައި އަދާ ކުރަމުން ދަނީ ވަރަށް މުހިންމު ދައުރެއް،" އެންރީކޭ ބުންޏެވެ. "ލަނޑުތަކެއް ނުޖެހިޔަސް، އޭނާ މިހާރުވެސް ޓީމަށް ވަރަށް ރަނގަޅު ކޮންޓްރިބިއުޝަނެއް ދޭ."

މިރޭ ސްޕެނިޝް ލީގުގައި ބާސާ އަލްމީރިއާ އާ ދެކޮޅަށް ނުކުންނައިރު، އެ ޓީމް މިހާރު އޮތީ ލަލީގާ ތާވަލްގެ އެއްވަނައިގައި ރެއާލް މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައެވެ. ނަމަވެސް ޓީމު އެއްވަނައިގައި އޮތަސް އަދި ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ބާސާގެ ކޯޗް އެންރީކޭ ބުންޏެވެ.

"މިހާރު ތާވަލްގައި ޓީމު އޮތީ ވަރަށް ރަނގަޅު ހިސާބެއްގައި. ނަމަވެސް އަދި ބާސާއަށް ލީގު ލިބުނީކީ ނޫން،" އެންރީކޭ ބުންޏެވެ. "ތާވަލްގައި އެއްވަނަ ދެމެހެއްޓޭނީ ކުރިއަށް އޮތްތާ ޓީމު އިތުރަށް އިމްޕްރޫވް ކޮށްގެން. އަދި ކުރިއަށް ކުޅެން ގިނަ މެޗުތަކެއް އެބަ ހުރި."