ތެހެރާން (އެޕްރީލް 8): ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެން އުޅުއްވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އީރާނުގެ ރައީސް ޙަސަން ރޫޙާނީ އާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ އީރާނާއި ތުރުކީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭ ގޮތުންނާއި ސަރަހައްދީ މައްސަލަތަކާ ބެހޭގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ. މިގޮތުން ޔަމަންގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި އިރާގުގެ މައްސަލައާ އަދި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާބެހޭ ގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.

މި މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން އާއި ރޫޙާނީ ވަނީ ޔަމަންގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި މި ހަނގުރާމަ ހުއްޓުވުމަށާއި ޔަމަނުގެ މައްސަލަ ސުލްހަވެރިކަމާއެކު ޙައްލުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެ ވަޑައިގެންނެވިކަން ދެބޭފުޅުން ހާމަކުރެއްވި އެވެ. ތުރުކީއަކީ ޔަމަންގެ ހޫޘީންނާ ދެކޮޅަށް ސައޫދީ އަރަބިޔާ އިސްވެ އޮވެގެން ދޭ ޙަމަލާތަކަށް ތާއީދުކުރާ ގައުމެކެވެ. އީރާނަކީ އެޙަމަލާތަކާ ވަރަށް ބޮޑަށް އިދިކޮޅު ހަދާ ގައުމެކެވެ. އުރުދުޣާން އީރާނަށް ވަޑައިގަތުމުގެ އެއްދުވަސްކުރިން ސައޫދީ އަރަބިޔާގެ ވަލީއުލްއަހްދުގެ ނައިބު މުޙައްމަދު ބިން ނާއިފްވަނީ އަންކަރާއަށްވަޑައިގެން އުރުދުޣާން އާ ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ.

އީރާނާއި ތުރުކީގެ ގުޅުންތަކަށް ބަލާއިރު ދެގައުމުގެ މެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު އަހަރަކު 30 ބިލިޔަން އެމެރިކާ ޑޮލަރަށް ގެންދިޔުމަށް ދެގައުމުން އަޒުމް ކަނޑައެޅި ކަމަށް މިނޫސްކޮންފަރެންސްގައި ތުރުކީގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސިނާއަތާއި ޓެކްނޮލޮޖީއާއި ފަތުރުވެރިކަމުގެ ދާއިރާތަކުންވެސް ދެގައުމުގެ ގުޅުންތައް ބަދަހިކުރުމަށާއި އެއްގައުމު އަނެއްގައުމަށް އެއްބާރުލުން ދިނުމަށް އީރާނުގެ ރައީސް ހަސަން ރޫޙާނީއާއެކު އެއްބަސްވެ ވަޑައިގެންނެވި ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީ އީރާނުން ގަންނަ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ތެލާއި ގުދްރަތީ ގޭހާއި ޕެޓްރޯ ކެމިކަލްގެ ބާވަތްތަކުގެ އިތުރުން ކަރަންޓެވެ. އީރާނުން ގަންނަ ތުރުކީގެ އުފެއްދުތަކުގެ ތެރޭގައި ހިމެނެނީ ތައްޔާރީ ހެދުމާއި ސިނާޢީ ބައެއް އުފެއްދުންތަކެވެ. އުރުދުޣާން އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީރާނާއި ތުރުކީއާ ދެމެދު އެތަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)