އަންނަ މާޗް މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައި އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މާޗް މަހުގެ ތިން ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްޖެއްސެވީ އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވާފައިވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، މާޗް ތިންވަނަ ބާއްވާއިރު އެ ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ އެވެ.