08 Apr 2015, 09:15
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮތް އިންޑިއާގައި މުޒާހަރާކޮށް އަޑުއުފުލުމަކީ އާ ކަމެއް ނޫނެވެ. ކަންކަމުގައި އަޑު އުފުލާ ސުލްހަވެރި މުޒާހަރާތަކެއް ބޭއްވި ނަމަވެސް، ހަލަބޮލިވެ ހައްދުންނައްޓައިގެންދާ ފަހަރު ވެސް ވަކި މަދެކޭ ނުބުނެވޭނެ އެވެ.
ހަލަބޮލިވާ އެފަދަ އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމަށް މީގެ ކުރިން ގަދަ ބާރު ބޭނުން ކުރި ނަމަވެސް، މިއަދު އިންޑިއާގެ ފުލުހުން މިވަނީ ހަލަބޮލިކަން މައިތިރިކުރަން އާ ހަތިޔާރެއް ބޭނުންކުރަން ނިންމާފަ އެވެ. ޕެޕާ ސްޕްރޭ ޖަހާ ޑްރޯންތަކެކެވެ.
އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަ ޕްރަދޭޝްގެ ކެޕިޓަލް ސިޓީ ކަމަށްވާ ލަކްނާގެ ސިފައިން ވަނީ ބަރުދަނުގައި ދެ ކިލޯ ހުންނަ އެއްޗެހި އުފުލޭނެ ގާބިލްކަން ހުންނަ އަދި އެޗްޑީ ކެމެރާއެއް ހިމެނޭ ފަސް ޑްރޯން ގަނެފަ އެވެ. އޮޕަރޭޓަރާއި އެއް ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭ އޭގެ ޑްރޯނެއް އަގަކީ 9،600 އެމެރިކާ ޑޮލަރެވެ.
އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ލަކްނާގެ ޗީފް އޮފް ޕޮލިސް ޔަޝަސްވީ ޔަދަވް ވިދާޅުވީ، އެއްވުންތައް މަތިން ރަނގަޅަށް ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެ ޑްރޯންތަކުގެ ޓެސްޓު އުދުހުންތަކެއް ވެސް އޮފިސަރުން މިހާރު ކޮށްފައިވާ ކަމަށެވެ.
"އަހަރެމެން މި ޑްރޯންތައް ބޭނުން ކުރާނީ ހަމަނުޖެހުން ހިންގާ މުޒާހަރާތަކަށް ޕެޕާ ސްޕްރޭ ޖެހުމަށް. ނަތީޖާ ވަރަށް ފުރިހަމަ. މި ޑްރޯންތައް ބޭނުން ކުރާނެ ގޮތާއި ތޮއްޖެހިފައި އޮންނަ ތަންތަނުގައި ސީދާ ހަމަނުޖެހުން ހިންގާ ބަޔަކާ ދިމާލަށް ޕެޕާ ސްޕްރޭ ޖަހާނެ ގޮތް ވަނީ ދެނެގަނެވި، ފަރިތަކުރެވިފަ،" ޔަދާވް ވިދާޅުވި އެވެ.
އާބާދީގައި ދެ މިލިއަން މީހުން ދިރިއުޅޭ ލަކްނާގެ ފުލުހުން މީގެ ކުރިން ވެސް ވަނީ މީހުން އެއްވެ އުޅޭތަންތަން ބެލެހެއްޓުމަށް ޑްރޯން ބޭނުންކޮށްފަ އެވެ.