07 Apr 2015, 23:48
އައްޑޫ ސިޓީގައި ހުރި އިންޖީނުގެތައް ސިޓީ ކައުންސިލަށް ނެގުމަށް އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ މިއަހަރުގެ 14 ވަނަ ބައްދަލުވުމަށް ކައުންސިލަރު ހުސައިން ހިލްމީ ހުށަހެޅުއްވި ކުއްލި މައްސަލައަކަށް ބަހުސް ކުރެއްވުމަށްފަހުއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ފާސްކުރި ކަންތައްތަކުގެ ތެރޭގައި، އިންޖީނުގެތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން ހިމެނެއެވެ.
މީގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް ބޭރުގެ ފަރާތްތަކުން ހަދިޔާކޮށްފައިވާ އިންޖީނުގެ ތަކާއި، އެކިއެކި ވަސީލަތްތައް ކައުންސިލަށް ލިބިގަތުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އަދި ކަރަންޓަކީ އަސާސީ ޚިދުމަތަކަށް ވާތީ، އެ ޚިދުމަތުން އެއްވެސް ފަރާތެއް މަހްރޫމްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްކަމަށް ނުވާތީ، ކަރަންޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ޝަރުއީ މަރުހަލާގެތެރެއިން ހައްލުހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެ ނިންމުމުގައި ވަނީ އެގޮތަށް ނިންމާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 42 ވަނަ މާއްދާގެ (ބ) އިން އައްޑޫސިޓީ ކައުންސިލަށް ލިބިދޭ ބާރާއި އިޚުތިޔާރުގެ ދަށުން ކަމަށް ވެސް އެ ނިންމުގައި ވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ވިޔަފާރިވެރިންނަށް ސަރުކާރުން ދެމުންދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ވިޔަފާރިވެރިން އެކަމާ ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.