ތަފާތު ޒަރޫރީ ބޭނުންތަކުގައި މާލެއަށް އަންނަ، ނ. ހޮޅުދޫ ރައްޔިތުންނަށް މާލޭގައި ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލައެންސް (އެމްޑީއޭ)ގެ މެންބަރަކު ފަސް ކޮޓަރީގެ އިމާރާތެއް ހުޅުވައިފި އެވެ.

މާލޭގައި މި އިންތިޒާމް ހަމަޖައްސަވައިދެއްވީ، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ނ. ހޮޅުދޫ ދާއިރާއަށް އެމްޑީއޭގެ ޓިކެޓްގައި ވާދަކުރެއްވ،ި ހޮޅުދޫ ރައްޔިތެއް ކަމަށްވާ އަލީ ޝާތިރެވެ.

އެތަން ހުޅުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ، އަލީ ޝާތިރުގެ ފަރާތުން މިރޭ ހުޅުވިގެން ދިޔަ 5 ކޮޓަރީގެ އެ އިމާރާތަކީ އެމްޑީއޭއަށް އޭނާ ކޮށްދެއްވި ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ.

މިރޭ ރަސްމިއްޔާތުގައި އެމްޑިއޭގެ ނައިބު ލީޑަރު އަލީ މައުރޫފު(ކ) އަދި ޝާތިރު(މ): ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ހިދުމަތެއް އެމްޑީއޭގެ އާންމު މެމްބަރަކު ކޮށްދިނުމަކީ އަޅުގަނޑުމެން އެބޭފުޅަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމެއް. އެހެންކަމުން އަޅުގަނޑުމެންގެ ލޮބުވެތި ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަންފުޅުގަައި އަދި ލީޑާޝިޕުގެ ނަމުގައި އަލީ ޝާތިރަށް އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނަށާއި އަދި ހާއްސަކޮށް ހޮޅުދޫ ރައްޔިތުންނަށްޓަކައި ވަރަށް ހާއްސަ ހިދުމަތެއް. އިންސާނީ ހިދުމަތެއް،" މައުރޫފު ވިދާޅުވި އެވެ.

ހޮޅުދޫ ރައްޔިތުންގެ ތެރެއިން އެމްޑީއޭއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް އެޕާޓީއާ ހަވާލުކުރުން ވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. އެގޮތުން އެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އެމްޑީއޭގެ ނައިބު ލީޑަރު އަދި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ހޮޅުދޫ އިން އެމްޑީއޭއާ ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މިރޭގެ އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޮޅުދޫ ރައްޔތުންނަށް މި އިންތިޒާމް ހަމަޖައްސަވައިދެއްވި، އެމްޑީއޭގެ މެމްބަރު އަލީ ޝާތިރު ވިދާޅުވީ، މިރޭ ހުޅުވިގެން ދިޔަ ފަސް ކޮޓަރީގެ އިމާރާތުން ނ. ހޮޅުދޫގެ އިތުރުން، ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ ތެރެއިންވެސް، ބޭސް ފަރުވާއަށާއި އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް މާލެއަށް އަންނަ ފަރާތްތަކަށް ތިބުމުގެ އިންތިޒާމު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ހަމަޖެހިގެން ދާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިތަނުގައި ރައްޔިތުންނަށް ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. އަޅުގަނޑުމެން އިއުލާން ކުރާނަން ވަކި ތާރީހެއް. އެ ތާރީހުން ފެށިގެން އެކަން ކުރިއަށްދާނެ. ހާއްސަކޮށް މިކަމުގައި އަޅުގަނޑު ހަމަ ހޮޅުދޫ ރައްޔިތުން ޝާމިލު ކުރަން. އެއީ އަޅުގަނޑަކީވެސް ހޮޅުދޫ ރައްޔިތަކަށް ވާތީ. އެހެންނަމަވެސް މީގެ ތެރޭގައި ދާއިރާގެ އެހެން ރައްޔިތުން ވެސް ހިމެނޭ. މިކަމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ އެމްޑީއޭގެ ފަރާތުން،" ޝާތިރު ވިދާޅުވިއެވެ.