ގދ. ގައްދޫގައި ފެނަކަ ކޯޕަރޭޝަނަށް މީގެ ކުރިން ހިލޭ ދީފައި ހުރި ބިންތަކުން ކުލި ނަގަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ގައްދޫ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ މި މަހު ފަސް ވަނަ ދުވަހުގެރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގަ އެވެ.

ކުލި ނަގަން ނިންމާފައިވާ ބިންތަކުގެ ތެރޭގައި ގައްދޫ އިންޖީނުގެ އިމާރާތްކޮށްފައިވާ 20131.8 އަކަފޫޓުގެ ބިމާއި، ގައްދޫގައި ކުރިން ހިންގި ފެންޕްލާންޓް ބަހައްޓާފައިވާ ގޯތީގެ ބިމުން 5040 އަކަފޫޓުގެ ބިމާއި، ފެންޕްލާންޓް ބަހައްޓާފައިވާ 19478 އަކަފޫޓުގެ ބިމާއި، ފެންދޫކުރުމަށް ބަހައްޓާފައިވާ ތާންގީ ހުރި 1275 އަކަފޫޓުގެ ބިން ހިމެނެ އެވެ.

އޭގެ އިތުރުން އީޡާރު މިސްކިތް ހުރި ގޯތިންނަގާފައިވާ 1260 އަކަފޫޓުގެ ބިމާއި، ގައްދޫ ސެކަންޑްރީ ސްކޫލާ ޖެހިގެން ހުރި ހުސްބިމުން ނަގާފައިވާ 1500 އަކަފޫޓުގެ ބިމާއި ގައްދޫ ދޯނިއެހެލާ ސަރަހައްދުގައި ޑީސަލް ޓޭންކް ބަހައްޓާފައި ހުރި 2000 އަކަފޫޓުގެ ބިން ވެސް ހިމެނެ އެވެ.

ގައްދޫ ކައުންސިލުން ނިންމާފައި ވަނީ އެ ހުރިހާ ބިންތަކުން ބިމުގެ އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން ކުލި ނެގުމަށެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު "ސަން" އަށް ވިދާޅުވީ، މީގެ ކުރިން އެ ހުރިހާތަނެއް ވެސް ފެނަކައިގެ ބޭނުމަށް ދޫކޮށްފައި ވަނީ އެއްވެސް ފީއެއް ނުނަގައި ކަމަށާއި، ނަމަވެސް މިހާރު ކުލި ނަގަން ނިންމީ "ފެނަކައިން ދޭންޖެހޭ ހިދުމަތް އެންމެ ފުރިހަމައަށް ނުދެވޭ ކަމަށް ގައްދޫ ރައްޔިތުންނާއި ކައުންސިލަށް ގަބޫލުކުރެވުމުން" ކަމަށެވެ.

އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ގައްދޫ ކައުންސިލުން ނިންމި ނިންމުން ރަސްމީ ސިފައެއްގައި ފެނަކަ ކޯޕަރޭޝަނަށް ލިބިފައި ނުވާތީ އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.