07 Apr 2015, 21:12
ޓެރަރިޒަމްގެ ކުށް ސާބިތުގެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމެއް އެކުލަވާލައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމްގެ ފަރާތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ، ޖެރެޑް ޖެންސަރ، ބެން އެމަރސަން (ކިއު.ސީ) އަދި އަމާލް ކްލޫނީ ކަމަށް އެ ބަޔާނުގައި ވެއެވެ.
ޖެރެޑް ޖެންސަރއަކީ ސިޔާސީ ކުށްވެރިން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ފްރީޑަމް ނައުގެ ފައުންޑަރެކެވެ. އަދި ބެން އެމަރސަން (ކިއު.ސީ) އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އޭގެ އިތުރުން އަމާލް ކްލޫނީއަކީ ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އަދި ހިއުމަން ރައިޓްސް ލޯގެ ދާއިރާގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ.
ރައީސް ނަޝީދުގެ މައްސަލާގައި މަސައްކަތްކުރައްވާ ދިވެހިރާއްޖޭގެ ވަކީލުންގެ ޓީމާއެކު، ބޭރުގެ މި ޓީމް ފުރަތަމަ ކުރައްވާނެ މަސައްކަތަކީ، ރައީސް ނަޝީދުގެ މައްސަލަ، ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުން ކަމަށް ނަޝީދުގެ އޮފީހުން މައުލޫމާތުދެ އެވެ.
"ރައީސް ނަޝީދުގެ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާން އެހުންނެވީ ހަމައެއް ލަމައެއްނެތި ބަންދުކުރެވިފައެވެ." ނަޝީދުގެ އޮފީހުން ބުންޏެވެ.
ރައީސް ނަޝީދުގެ މައްސަލަ އދ.އާއި ބައިނަލްޢަޤްވާމީ އަދި ސަރަޙައްދީ ކޮމިޝަންތަކަށާއި ކޯޓުތަކަށް ހުށަހެޅުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ތައްޔާރުވަމުން ދާއިރު، ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ނުކުރުމަށް ރައީސް ނަޝީދުވަނީ ނިންމަވައިފައެވެ.