ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ "ފިއުލް އަންލޯޑިން ޕަމްޕު ސްޓޭޝަން"ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާނު މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާއެއް ހިނގީ ސްވިމިން ޓްރެކް ސަރަހައްދުގައި ހުންނަ، ސްޓެލްކޯގެ ފިއުލް އަންލޯޑިން ޕަމްޕު ސްޓޭޝަންގައި ހަރުކޮށްފައި ހުރި ލައިޓެއް، ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

އެވަގުތު އެސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނީ، އަލިފާން ރޯވިތާ ކުޑަ ވަގުތު ކޮޅެއް ތެރޭގައި އެ ސަރަހައްދުގައި ތިބި ބަޔަކު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުގައި ހުރި އަލިފާން ނިއްވާ ފުޅިއެއް ހިފައިގެން ގޮސް އަލިފާން ގަނޑު ނިވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި ފިއުލް އަންލޯޑިން ސްޓޭޝަނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.