07 Apr 2015, 22:42
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ޢެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ "ހެލްތީ އީޓިން އެންޑް އެކްޓިވް ލައިފްސްޓައިލް" (ހީލް) ކެމްޕެއިންގެ ދަށުން ޕްރީސްކޫލު ޓީޗަރުންނަށް އަމާޒުކޮށްގެން ހީލް ކެމްޕެއިން ރިސޯސް ގައިޑެއް އިފްތިތާހް ކޮށްފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާކް އިން ކެންގަރޫ ކިޑްސް ޕްރީސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ ޕްރީސްކޫލުތަކުގެ ޓީޗަރުންނަށް ވަނީ އެ ގައިޑު ހަވާލުކޮށްފައެވެ.
އާކް އިން ބުނީ، އެ ގައިޑުގައި ސިއްހަތަށް ފައިދާ ހުރި ގޮތެއްގައި ކެއިންބުއިން ބައްޓަންކޮށް ކުޑަކުދިންނަށް އެކަންތައް ދަސްކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ.
އެ ފޮތުގައި ޅަ އުމުރުއްސުރެން ފެށިގެން ފައިދާ ހުރި ބާވަތްތަކުގެ ކާނާ ހިޔާރު ކުރުމާ ބެހޭގޮތުން މައުލޫމާތު ދެވިފައިވާނެ ކަމަށް ވެސް އާކް އިން ބުންޏެވެ.
އާކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މިއަހަރުގެ ސިއްހަތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގްރޭޑް ހަޔަކާއި ހަތަކަށް ހީލް ކެމްޕެއިންގެ ދަށުން މިއަދު މާލޭގެ ބައެއް ސްކޫލުތަކުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކުގައި މައުލޫމާތު ދިނުމުގެ އެފަދަ ޕްރޮގްރާމްތައް ބާއްވާފައިވަނީ ގްރޭޑް އެކަކުން ތިނެއްގެ ދަރިވަރުންނަށް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު އުމުރުފުރާގެ ކުދިންނަށްވެސް އެ ޕްރޮގްރާމް ބާއްވާނެ ކަމަށެވެ.
މުސްތަގުބަލުގައި އެ ޕްރޮގްރާމް އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ޒެނީޝާ ވިދާޅުވިއެވެ.