ޕާޓީގެ ތެރެއިން ލިބެމުންދާ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށްބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހައްގު ކޮމިޓީގެ މެމްބަރު އައިޝަތު މަމްދޫހާ އެ ޕަޓީން ވަކިވެވަޑައިގެންފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، މަމްދޫހާ ވިދާޅުވީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ކުރިމަތި ލުމަށް އޭނާ ނިންމެވި ކަމަށެވެ.

އޭނާ އެގޮތަށް ނިންމެވީ، އޭރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެޕާޓީގެ ވިޕްލައިނާ ހިލާފުވުމުން އެފަހަރުގެ ޕްރައިމަރީގައި ޖާބިރަށް ބައިވެރިނުވެވޭ ގޮތަށް ޕާޓީން ނިންމުމާ ގުޅިގެން ކަމަށްވެސް މަމްދޫހާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑަށް ލިބުނީ ވެސް ވަރަށް ކުޑަ ދުވަސްކޮޅެއް އެ ދެ ރަށުގައި ކެމްޕެއިން ކުރަން ވެސް. އަޅުގަނޑު ކެމްޕެއިންގެ އެންމެ ފަހު ދުވަހު އަޅުގަނޑަށް މި އަޑު އިވެނީ އަޅުގަނޑުމެންގެ ޕާލިމަންޓްރީ ޕްރައިމަރީ ބާތިލް ކޮށް، އަލުން އަނބުރާ ޖާބިރަށް ފުރުސަތު ދެއްވައިފި ކަމަށް،" އެމްޑީޕީ ތެރޭގައި ކަންކަން ދަނީ އިންސާފުން ނޫންކަން ސިފަކޮށްދެއްވަމުން މަމްދޫހާ ވިދާޅުވި އެވެ.

"ދެން ޕާޓީގެ ލީޑާޝިޕުން މި ބުނަނީ ވަކި ކެންޑިޑޭޓެއްގެ ގޮތަށް ނުކުންނަވާށޭ. ޕާޓީން އެކަން ރަނގަޅު ކޮށްދެއްވާނަމޭ. އަޅުގަނޑާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަށްތޯ. އިންސާފުވެރިކޮށްތޯ ކަންތައް ވެގެންދިޔައީ."

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި 15 މީހުންގެ ތެރޭގައި މަމްދޫހާ ވެސް ހިމެނެއެވެ. އަދި އެ 15 މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށް ޕްރޮސިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު ވަނީ ވިދާޅުވެފައެވެ.

މަމްދޫހާ ވިދާޅުވީ، އޭނާ އެއާޕޯޓު މުޒާހަރާއަށް ދިޔައީ އެމްޑީޕީން އެދުމުން ކަމަށާއި އަދި އެއީ "ގްރީން ޒޯނެއް ކަމެއް ނޭނގޭ" ކަމަށެވެ.

"އެ ނޭނގުމުގެ މަތިން އަޅުގަނޑަށް އެއާޕޯޓަށް ދެވުނީ. އަޅުގަނޑަށް އެއީ ގްރީން ޒޯނެއް ކަމެއް ކުޑަކޮށްވެސް އެނގުނު ނަމަ އަޅުގަނޑު ހަމަ ގައިމު ވެސް ނުދާނަން. އަޅުގަނޑަށް ހީވަނީ ސިޔާސީ ޕާޓީތަކެއްގެ ވެސް ކޮންމެވެސް ކަހަލަ ޒިންމާއެއް އޮންނަންޖެހޭނެ ހެން އެވަރުތަނަކަށް ބަޔަކު ފޮނުވާއިރު،" އެމްޑީޕީން ކަންތައްތައް ރާވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތްގޮތެއްގައިކަން ދައްކަވަމުން އޭނާ ވިދާޅުވި އެވެ. "

ދެން މިކަމާ ދޭތެރޭ އަޅުގަނޑު ވާހަކަދައްކަން ފެށީމަ އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހުންތަކެއް ދިޔައީ. އެމްޑީޕީގައި އަންހެނުންނަކަށް އެއްވެސް ޖާގައެއް ނެތް."

ރައީސް ނަޝީދުގެ ހުކުމާ ގުޅޭގޮތުން ނޫސްވެރިއަކު މަމްދޫހާ އާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ، ނަޝީދަކީ އޭނާއާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު އަމިއްލަ ޕާސަނަލީ ބުނަންޏާ އަޅުގަނޑު ބުނާނީ އަޅުގަނޑު ނޭދެން އެމަނިކުފާނު [ރައީސް ނަޝީދު] 13 އަހަރު ޖަލުގައި އިންނަވާކަށް. އަޅުގަނޑަކަށް ނޭދެވޭނެ އެހެނެއް. އަޅުގަނޑު އެމްޑީޕީ ނޫން އެހެން ޕާޓީއެއްގައި ހުއްޓަސް އެމަނިކުފާނަށް އެވަރުގެ ހުކުމެއް އަންނާކަށް ނޭދެވޭނެ." މަމްދޫހާ ވިދާޅުވި އެވެ.

މަމްދޫހާ ވިދާޅުވީ، "ދުވަހަކުވެސް ދެން އެމްޑީޕީއަށް މަސައްކަތް ނުކުރާނަން" ކަމަށާއި އެހެންނަމަވެސް ސިޔާސީ މައިދާނުގައި އުޅޭއިރު ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރައްވާނޭ ކަަމަށެވެ. ނަމަވެސް އަދި އެއްވެސް ޕާޓީއަކަށް ސޮއިނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.