07 Apr 2015, 21:37
ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމާ މީހުން ބަންދުގައި ބައިތިއްބުމަކީ ފުލުހުން އަމަލުކުރާ އުސޫލެއް ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ދައުވާ ނުކުރަން ނިންމާފައިވާ މީހުން ބަންދުގައި ތިބި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ ދައުވާ ނުކުރަން ނިންމާ މީހުންގެ ތެރޭގައި ފުލުހުން ބަލަމުންދާ އެހެން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ދީފައިވާ މީހަކު ހުރިނަމަ އެމީހެއްގެ ތަހުގީގު ނިމެންދެން، ނޫންނަމަ ކޯޓުން އެމީހަކު ދޫކޮށްލަންދެން އެމީހަކު ފުލުހުންގެ ބަންދުގައި ބަހައްޓާނެ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ މުހުތާޒު ވިދާޅުވީ، ދައުވާ ނުކުރަން ނިންމާފައިވާ ބަޔަކު ބަންދުގައި ތިބުމުން އެކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.