07 Apr 2015, 21:24
ކިތަންމެ ވަރަކަށް ގާނޫނަށް ބަދަލު ގެނައިކަމުގައި ވިޔަސް ކޯޓުން މައްސަލަ ހިންގުން ލަސްވާ ކަމަށްވާނަމަ ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ މުހުތާޒު ވިދާޅުވީ، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާ ކޮންމެ ލަސްވުމަކީ އެ މައްސަލައަކަށް ކުރާނެ އަސަރެއް ކަމަށެވެ.
"ކިތަންމެ ވަރަކަށް ވެސް އަޅުގަނޑުމެންނަށް ގާނޫނު ގެނެވިދާނެ. ހަރުކަށި އަދަބުވެސް ދެވިދާނެ. މިދެންނެވީ އެބޭފުޅުންގެ ވަރަށް ބައިވަރު ހައްގުތައް ވެސް ހަނިކުރެވިދާނެ. މައްސަލަ ހިންގުން ލަސްވާ ކަމަށްވަންޏާ އޭގެ ނަތީޖާ ކިހިނެތްތޯ؟ ނުނެރެވޭނެ،" މުހުތާޒު ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ، ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަކުން ގޭންގު މާރާމާރީތައް ނުހުއްޓުވޭނެ ކަމަށާއި މިވަގުތު އޮތް ހަމައެކަނި ހައްލަކީ އަވަހަށް ޝަރީއަތް ހިންގޭނެ މެކޭނިޒަމެއް ގާއިމް ކުރުން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް މުހުތާޒު ވިދާޅުވި އެވެ.
"އަދި ފައިގަ ޓެގް އެޅުވުމަކުން ގާނޫނަށް ބަދަލެއް ގެނެސް ހަ މަސް ދުވަހެއްގެ ބޮޑެތި ޝަރުތުތަކެއް ކުރުމަކުން އެކަމެއް ނުނިމޭނެ. ހަމައެކަނި އެކަމަށް މިވަގުތު އޮތް ހައްލަކީ އަވަހަށް ޝަރީއަތް ހިންގޭނެ މެކޭނިޒަމެއް އިދާރާތައް ގުޅިގެން ގާއިމް ކުރުން. އަޅުގަނޑުމެން އެކަމާ މަޝްވަރާ ކުރަމުން މިދަނީ،" މުހުތާޒު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަރުގެ މައްސަލަތަކުގެ ޝަރީއަތް އެކަށީގެންވާ އަވަސްމިނުގައި ކުރިއަށްނުދާތީ ގާނޫނީ އެކި ފަރާތްތަކުން އަންނަނީ އެވާހަކަ ދައްކަމުންނެވެ.