މަޝްހޫރު ޓީވީ ސީރީޒް "ދަ ވެމްޕަޔާ ޑައިރީޒް"ގެ ލީޑް ކެރެކްޓާ އެލީނާ ގިލްބާޓްގެ ރޯލް ކުޅޭ އެކްޓްރެސް ނީނާ ޑޯބްރޭވް ސީރީޒްގެ ހަތް ވަނަ ސީޒަނަށް ނާންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ސީރީޒްގެ ކުރިއަށް އޮތް ސީޒަންގައި ނުފެންނާނެ ކަމަށް އިއްޔެ ޑޯބްރޭވް ބުނީ އިންސްޓާގްރާމް އަށް އަޕްލޯޑް ކުރި ޕޯސްޓްއަކާއެކު އެވެ. ސީރީޒްގެ އެގްޒެކިއުޓިވް ޕްރޮޑިއުސާ ޖޫލީ ޕްލެކް ވަނީ ނީނާ، ސީރީޒް ދޫކޮށްލާފައި ދާނެ ކަން ކަށަވަރު ކޮށްދީފައެވެ.

ޑޯބްރޭވް ބުނީ އޭނާ އަބަދުވެސް ބޭނުންވީ އެލީނާގެ ވާހަކައަކީ ހަ ސީޒަންގެ ވާހަކައަކަށް ވުމަށް ކަމަށާއި އެ ވޭތުވެ ދިޔަ ހަ އަހަރު އުމުރު ދުވަހުގެ ތަޖުރިބާއެއް ލިބިފައިވާ ކަމަށެވެ.

"އަހަރެންނަށް އަބަދުވެސް އެނގޭ ސީރީޒް ފެށި އިރުވެސް އަހަރެން ބޭނުންވީ އެލީނާގެ ދަތުރު ހަ ސީޒަން އަށް ދެމިގެން ދިޔުމަށް. މިވީ ހަ ސީޒަން ތެރޭގައި އަހަރެންނަށް ވަނީ އުމުރު ދުވަހުގެ ތަޖުރިބާ އެއް ލިބިފައި. އަހަރެން އިންސާނަކުން ވެމްޕަޔާއަކަށް ވި. ވެމްޕަޔާއަކުން ޑޮޕްލް ގެންގާއަކަށްވި. ޑޮޕްލްގެންގާ އަކުން އިމޯޓަލްއަކަށްވި. އަހަރެން މަރުވި. އަނެއްކާ އައިން،" އޭނާ ބުންޏެވެ.

ޑޯބްރޭވް ސީރީޒް ދޫކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްލެކް ބުނީ އޭނާ ސީރީޒް ދޫކޮށްލާ ދިޔުމަކީ ހިތި-ފޮނި އަދި ރީތި ހަބަރެއް ކަމަށެވެ. ހަ އަހަރަށްވުރެ ގިނަ ދުވަހު އެކީ މަސައްކަތް ކުރުމުން އާއިލާއެއް ފަދަ ކައިރި ކަމެއް ހުރިހާ ކާސްޓުންގެ މެދުގައި އުފެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޑޯބްރޭވް ސީރީޒް ދޫކޮށްލާ ވާހަކަ ބުނެފައި ވަނީ ސީރީޒްގެ މުހިއްމު ކެރެކްޓަރުންގެ ގޮތުގައި ތިބޭ ގިނަ އެކްޓަރުންތަކެއް ސީރީޒް ދޫކޮށްލުމަށްފަހު އެވެ. އެލީނާގެ ކޮއްކޮގެ ކެރެކްޓާ ޖެރެމީ ގިލްބާޓްގެ ރޯލު ކުޅޭ ސްޓީވެން އާރު މެކްކުއީން ގެ އިތުރުން ޓައިލާ ލޮކްވުޑް ކުޅޭ މައިކަލް ޓްރިވީނޯ ވެސް ވަނީ ސީރީޒް ދޫކޮށްލާފައެވެ.