07 Apr 2015, 16:47
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދީފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އެ ސާވިސްގެ މެޑިކަލް ބޯޑުން ނާޒިމަށް ދީފައިވާ ކަމަށެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.
އެ ހުކުމްގައި ވަނީ ނާޒިމް ނިދާކޮޓަރީގައި ހުރި ކަބަޑުތެރެއިން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ނާޒިމަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
ހުކުމް އިއްވުމާއެކު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ނުކުންނަވަމުން ނާޒިމް "ހިތްވަރު ގަދަކުރައްވާ، ހައްގަށް އިންސާފު ލިބޭނެ" ކަމަށެވެ.