07 Apr 2015, 22:28
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވިނަމަވެސް، އެ މެޗުގައި މެންޗެސްޓަރ ސިޓީ ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ސިޓީގެ ކޯޗް މެނުއެލް ޕެލެގްރިނީ ބުނެފިއެވެ.
މެޗާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެލެގްރިނީ ބުނީ، އެ މެޗުގައި ސިޓީ ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، ނަމަވެސް އެ ޓީމު އެ މެޗުން ބަލިވީ "އޮފްސައިޑް ލަނޑަކާއި، ވަރަށް ރީތި ފްރީ ކިކެއްގެ ސަބަބުން" ކަމަށެވެ.
"ރޭގެ މެޗު ފެށިގެން ނިމެންދެންވެސް ސިޓީ ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. މެޗުގައި ސިޓީއަށް ވަނީ ވަރަށް ގިނަ ފުރުސަތުތައްވެސް ލިބިފަ. އެ މެޗުން ބަލިވީ ޕެލަސް ޖެހި އޮފްސައިޑް ލަނޑަކާއި ވަރަށް ރީތި ފްރީ ކިކެއްގެ ސަބަބުން،" ޕެލެގްރިނީ ބުންޏެވެ.
"ރެފްރީ މެޗުގައި ނިންމި ނިންމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އެއީ މެނޭޖަރެއްގެ ވަޒީފާއެއް ނޫން. ބަލިވީ ކީއްވެކަން އިނގެން ބޭނުންނަމަ އަހަރެން އަދިވެސް އެއްފަހަރު ބުނެލާނީ، އެ މެޗުން ސިޓީ ބަލިވީ އޮފްސައިޑް ލަނޑަކާއި ވަރަށް ރީތި ފްރީ ކިކެއްގެ ސަބަބުންނޭ."
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ޕެލަސްއަށް ލީޑު ހޯދަދިނީ 34 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު ގްލެން މުރޭ އެވެ. ނަމަވެސް އެ ލަނޑު ކާމިޔާބު ކުރި ވަގުތު ސިޓީގެ ބެންޗުން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ. މެޗުގައި ޕެލެސްގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފް ފެށިތާ ތިން މިނެޓުތެރޭ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޖޭސަން ޕަންޗަން އެވެ.
ރޭގެ މެޗުން ބަލިވުމަށް ފަހު 61 ޕޮއިންޓާއެކު ސިޓީ މިހާރު ލީގު ތާވަލްގެ ހަތަރު ވަނައަށް ވެއްޓި ލީގު ކާމިޔާބު ކުރުމުގެ އުންމީދު އެ ޓީމަށް ފަނޑުވެފައި ވާއިރު، ޕެލެގްރިނީ ބުނީ އޭނާ ލީގު ކާމިޔާބު ކުރުމާމެދު ނުވިސްނާ ކަމަށާއި، އަދިވެސް އޭނާ ވިސްނަނީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުމަށް ކަމަށެވެ.
"ލީގު ޓައިޓްލް އާމެދު އަހަރެން ވާހަކަ ދައްކާކަށް ބެނުމެއް ނޫން. އަހަރެންގެ އަމާޒަކީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުން. ކޮންމެ ގޮތެއް ވިޔަސް އެންމެ ފަހުގެ ނަތީޖާ އިނގޭނީ ސީޒަން ނިމުމުން. ޕޮއިންޓެއް ދޫވުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ނަމަވެސް ރޭ ކުޅުނު ގޮތަށް ކުޅެފި ނަމަ، ސިޓީއަކީ އާންމުކޮށް މެޗުތައް ކާމިޔާބު ކުރާ ޓީމެއް،" ޕެލެގްރިނީ ބުންޏެވެ.
ރޭގެ ނާކާމިޔާބީ އާއެކު އެންމެ ފަހުގެ ލީގު ޗެންޕިއަން ސިޓީ އާއި މިހާރު ތާވަލް ލީޑު ކުރަމުންދާ ޗެލްސީއާ ދެމެދު ވަނީ ނުވަ ޕޮއިންޓުގެ ފަރަގެއް އުފެދިފައެވެ. އެ ޓީމު އެންމެ ފަހުން އަވޭގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައި ވާއިރު، މިދިޔަ މަހާ ޖެހެންދެންވެސް ސިޓީ ދިޔައީ ލީގު ތާވަލްގައި ދެވަނަ މަގާމު ހިފައްޓަމުންނެވެ.