07 Apr 2015, 20:50
އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ހަކަތަ 'އެފިޝެންޓް' ގޮތުގައި ބޭނުން ކުރުމަށްޓަކައި އެދާއިރާއަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމަށް ބޭނުން ކުރާނެ ކިޓުތަކެއް، އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން 13 ސްކޫލަކަށް ހަދިޔާކޮށްފިއެވެ.
ނަސަަންދުރަ ޕެލަސް ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި، އެ ކިޓުތައް ސްކޫލްތަކާ ހަވާލުކޮށްދެއްވީ، އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އާއި ޖީއައިޒީ ޕްރޮޖެކްޓްގެ ސީނިއާ އެޑްވައިޒަރު ޔޯހިމް ގައުބެ އެވެ.
އެ ކިޓުތައް ހަވާލުކުރި ސްކޫލުތަކުގެ ތެރޭގައި އަތޮޅުތެރޭގެ ދެ ސްކޫލެއް ހިމެނެއެވެ. އެއީ ދ. އަތޮޅު ތައުލީމީ މަރުކަޒާއި ރ. އުނގޫފާރު ސްކޫލެވެ.
ކިޓުތައް ހަވާލުކުރި މާލޭގެ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ، ކަލާފާން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި އިމާދުއްދީން ސްކޫލާއި ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި، ތާޖުއްދީން ސްކޫލާއި އަމިނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން މަޖީދިއްޔާ ސްކޫލެވެ.
މިއަދު ހަވާލު ކުރެވުނު ކިޓުތަކުގައި "ލެކްސޯލާ ޕީވީ ރެޑީ ޓު ގޯ" އަށް ސެޓު ހިމެނޭނެއެވެ. އޭގެ އެހީގައި ސޯލާ ސެލްތަކުގެ ފިނި ހޫނު މިނާއި އައިވީ ކެރެކްޓާތައް ބެލެވޭނެއެވެ.
މީގެ އިތުރުން އެ ކިޓުގައި ލެކްސޯލާ އީސޭވް ލައިޓްގެ ހަތަރު ސެޓާއި، ލެކްސޯލާ އީސޭވް ޕްލަސް އެއް ސެޓް ހިމެނޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ އެހީގައި ހަކަތަ ބޭނުން ކުރާވަރު ދެނެގަތުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެވޭނެއެވެ.
އެ ކިޓުތައް ބޭނުން ކުރާނެ ގޮތް ކިޔައިދިނުމަށްޓަކައި އެ ސްކޫލުތަކުގެ ޓީޗަރުންނަށް ހާއްސަ ވޯކްޝޮޕެއްވެސް މިއަދު ވަނީ ބާއްވާފައެވެ.