22 Feb 2011, 10:10
އދ. މަހިބަދޫގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ "ޓެލެނެޓްގެ" ކޮންޓްރޯލް ރޫމުގައި އަލިފާންރޯވެ އެތަން އެކީ ރޭ ފަތިހު އަނދައިފި އެވެ.
ރޭ ފަތިހު 4:30 ހާކަންހާއިރު ހިނގި އެ ހާދިސާގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އާއްމުންގެ ބަޔަކު ގުޅިގެން ކުރި މަސައްކަތުން ހެނދުނު 6:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މަހިބަދޫ ޖަންބުމާގޭގައި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
އަމިއްލަ ފަރާތަކުން ކޭބަލް ޓީވީގެ ޚިދުމަތްދޭ އެތަނުގައި ހުރި ހުރިހާ ސާމާނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހްޤީޤް ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.