07 Apr 2015, 14:09
މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ވުމުގެ ދަންތުރައަށް ނުވެއްޓެން ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ޖަޕާނުން ރާއްޖެއަށް ދިން އެހީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ނުވަތަ ތަރައްގީ ވަމުން އަންނަ ގައުމުގެ ލިސްޓަށް ބަދަލުވުމުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ވަނީ އިންވެސްޓްމެންޓްތަކަށް ފައިސާ ހޯދުމުގައި ކަމަށެވެ.
"...ޖަޕާން ފަދަ ބައިވެރިންނާއި އެކު ރާއްޖޭން މަސައްކަތް ކުރަމުން މިދަނީ މެދުފަންތީގެ އާމްދަނީގެ ދަންތުރައަށް ނުވެއްޓޭނެކަން ކަށަވަރު ކުރުމަށް. އެއީ [މެދު ފަންތީގެ ގައުމުތަކުގެ ލިސްޓަށް ބަދަލުވުމަކީ] ފައިސާ ނުލިބުމުގެ ސަބަބުން އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅޭ ކަމެއް،" ދުންޔާ ވިދާޅުވިއެވެ.
މެދުފަންތީގެ ގައުމަކަށް ވުމުން ޕަބްލިކް ސެކްޓާއިން ވެސް އަދި ޕްރައިވެޓް ސެކްޓާއިން ވެސް ފައިސާ ނުލިބޭ ކަމަށާއި އެއީ މެދު ފަންތީގެ ގައުމަކަށް ވުމުން ދެން މާ މުއްސަނދިވާނެ ކަމަށް ހީކުރެވޭތީ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
"... ނަމަވެސް ހަގީގަތަކީ އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކަށް ފައިސާ ހަމަ ނުޖެހޭ ނަމަ އިގުތިސާދީ ކުރިއެރުން މަޑުޖެހޭކަން. ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ ތަރައްގީއަށް ހުރަސް އެޅޭ. ތަރައްގީއަށް ފައިސާ ފޯރުކޮށްދިނުމުގެ ބައިނަލް އަގުވާމީ އޮނިގަނޑު ރަނގަޅު ކުރަން ޖަޕާނާއި ރާއްޖޭން ގުޅިގެން މި މަސައްކަތް ކުރަނީ އެހެންވެ،" ދުންޔާ ވިދާޅުވި އެވެ.