07 Apr 2015, 13:52
ތ. ތިމަރަފުށީގެ އެކި ސަރަހައްދުތަކަށް ހޮނުއަޅައި އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ވެއްޖެ އެވެ.
ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވީ މިއަދު 10:15 އާއި 10:30 އާއި ދެމެދު ވަގުތެއްގައި އެ ރަށުގެ އެކި ހިސާބަށް ހޮނުއަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ރަށުގެ އެއާޕޯޓުގެ ހިއްކި ސަރަހައްދަށް ހޮނުއަޅައި އެހިސާބު ގެތަކުން ކަރަންޓް ކެނޑި، ބައެއް ގޭގޭގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ވެފައިވާ ކަމަށް ހުސައިން ޝަރީފް ވިދާޅުވި އެވެ.
"އިންޖީނުގެ އާއި ގުޅިގެން އަޅުގަނޑުމެން މިހާރު މި އަންނަނީ ގެއްލުންތައް ބަލައި އެކަންކަން ހައްލު ކުރަމުން،" ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް އަދި ވިދާޅުވީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓު ހުންނަ ސަރަހައްދަށް ވެސް ހޮނު އަޅައި ކޯޓުގެ އިލެކްޓްރޯނިކް ބައެއް ސާމަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ތަކެއްތި މިހާރު ސާފު ކުރަމުން އަންނަ ކަމަށް ވެސް ހުސައިން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރެއިން ފެށިގެން އެ ރަށަށް އަންނަނީ ބޯކޮށް ވާރޭވެހި ވިދާ ގުގުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނީ އެއްވެސް ރަށަކަށް ހޮނު އަޅައި ގެއްލުން ވެގެން މިހާތަނަށް ރަސްމީކޮށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.