ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފީފާ ގުޅިގެން އެމްއޭ ރެފްރީ ކޯހެއް ބާއްވައިފި އެވެ.

މި މަހުގެ އެކަކުން ފަހަކަށް ކުރިޔަށް ގެންދިޔަ އެ ކޯހަކީ ފުޓްބޯޅަ ގަވައިދަށް އަލަށް އަންނަ އިސްލާހްތަކަށް ރެފްރީން އަހުލުވެރިކޮށް، ރެފްރީން ޓެކްނިކަލީ އެހެން ހަރުފަތަކަށް ގެންދިއުމަށް ބޭއްވި ކޯހެއް ކަމަށް އެފްއޭއެމްގެ ހެޑް އޮފް ރެފްރީސް އަހުމަދު އަމީޒް ވިދާޅުވިއެވެ.

"ފުޓްބޯޅައަށް އަންނަ ތަރައްގީ އާއި މެޗްތަކުގަ ދިމާވާ މައްސަލަތަކާއި އަދި މިކަންތައް ހައްލުކުރުމުގަ ރެފްރީންނަށް އެއްމެ ފަސޭހަވާނެ ގޮތްތަކާއި ބެހޭ ގޮތުން މި ކޯހުގައި ވާނީ މައުލޫމާތު ދީފައި،" އަމީޒް ވިދާޅުވިއެވެ.

މީގެ އިތުރުން "ފުޓްބޯޅަ ގަވައިދަށް އަންނަ ބަދަލުތަކާއި ގަވައިދު މާނަ ކުރުމަށް އަންނަ ބަދަލުތައް" ވެސް ކޯހުގައި ތަފްސީލްކޮށްދީފައިވާ ކަމަށް އަމީޒް ވިދާޅުވިއެވެ.

މި ކޯހުގައި ކްލާސްތައް ނަގައިދިނީ ފީފާގެ ދެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ފަސް ރެފްރީންނެވެ. ފީފާގެ އިންސްޓަރަކްޓަރުންގެ ގޮތުގައި ކިޔަވައިދެއްވީ ސިންގަޕޫރުގެ ގަނޭޝް މަނިއަމް އަދި އުޒްބަކިސްތާނުގެ ފަރުހާދު އަބްދުﷲއެވެ. ރާއްޖޭގެ ރެފްރީންގެ ގޮތުގައި ކިޔަވައިދެއްވީ އަހުމަދު އަބީރާއި، މުހައްމަދު ސައީދާއި، އަލީ ސަލީމާއި، މުހައްމަދު އަނިލް އަދި އަހުމަދު އަމީޒެވެ.

ތިރީސް ރެފްރީން ބައިވެރިވި މި ކޯހުން އެއްވަނަ ރެފްރީ އަކަށް ހޮވިފައި ވަނީ އިސްމާއިލް އިޒްހާން އެވެ. އެންމެ މޮޅު ރެފްރީ ހޮވާފައިވަނީ ތިޔަރީ ޓެސްޓާއި ފިޒިކަލް ޓެސްޓަށް ބަލައިގެންނެވެ.

ކޯހުގެ ތިޔަރީބައި އެފްއޭއެމްގެ ސެމިނާ ހޯލުގައި ކުރިޔަށްގެންދިޔައިރު، ޕްރެކްޓިކަލް ބައި ކުރިޔަށްދިޔައީ ގަލޮޅު ދަނޑާއި، ހެންވޭރު ދަނޑު އަދި ޓްރެކު ދަނޑުގައެވެ.

މި ކޯހަށް މީހުން ނެގުމުގައި ބަލާފައިވަނީ އެފްއޭއެމުން ހިންގި ދޮޅު މަސްދުވަހުގެ ޓްރެއިނިން އެއްގައި ބައިވެރި މީހުންގެ ފިޒިކަލް ޓެސްޓްގެ ނަތީޖާއާއި ހާޒިރީއަށް ބެލުމަށްފަހު ކަމަށް އަމީޒް ވިދާޅުވި އެވެ.

އެމްއޭ ރެފްރީ ކޯހަކީ ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަށް ފީފާ އާއި މެމްބަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބާއްވާ ކޯހެކެވެ.