07 Apr 2015, 13:07
މިދިޔަ އަހަރު ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތިން މައްސަލަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު އާންމުކުރި އެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހަޅާފައި ވަނީ އެންމެ މައްސަލައެކެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހަޅާފައި ވަނީ އެންމެ ދެ މައްސަލަ ކަމަށް އަހަރީ ރިޕޯޓުގައި ވެއެވެ.
މިކަމާ ގުޅޭގޮތުން މިއަދު "ސަން"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޕީޖީ މުހުތާޒު މުހުސިން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން އަނބުރާ ފޮނުވާލާފައި ހުރި މައްސަލަތައް ވެސް ހުންނާނެ ކަމަށެވެ. އަދި ދައުވާ ކުރަން ނުފެންނަ މައްސަލަތައް ވެސް ހުންނާނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ.
"މިހާރު ތީގެތެރޭގައި ހުންނާނެ އެބޭފުޅުން ހުށަހަޅާ މައްސަލަތައް ބައިވަރު މިކޮޅުން ބެއްލެވުމަށްފަހު ޖިނާއީ މައްސަލައެއްގައި ދައުވާ އުފުލޭވަރަށް ހެކި ނެތުން ނުވަތަ ޖިނާއީ މައްސަލައެއްގައި ދައުވާ ކުރަން މިކޮޅުގެ ޕްރޮސިކިއުޓަރުންނަށް ނުފެންނަ ބާވަތުގެ މައްސަލަތައް ވަރަށް ގިނައިން ހުރުން އެކަށީގެންވޭ. އަދި އެގޮތަށް ހުރެފަވެސް ހުންނާނެ،" ޕީޖީ ވިދާޅުވި އެވެ.
މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައި ވަނީ ޖުމްލަ 32 މައްސަލަ ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.