22 Feb 2011, 09:16
ޓްރިޕޮލީ : ވެރިކަން ވެއްޓުމުގެ ބިރާކުރިމަތިލާންޖެހިފައިވާ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ފިއްލަވައިގެން ވެނެޒުއެލާއަށް ވަޑައިގެންފި ކަމަށް އިނގިރޭސިވިލާތުން ފެތުރި ޚަބަރުތަކެއް ވެނެޒުއެލާގެ ސަރުކާރުން ދޮގުކޮށްފިއެވެ.
ވެނެޒުއެލާގެ އިސްބޭފުޅަކު ވިދާޅުވޮގޮތުގައި ގައްޒާފީ ވެނެޒުއެލާއަށް ވަޑައެއް ނުގަންނަވައެވެ. ލިބިޔާގެ މަސްއޫލުވެރިއެއް ކަމަށްވާ ޚާލިދު ޤާއިމްވަނީ ގައްޒާފީ ލީބިޔާގައި އުޅުއްވާކަމަށް ވިދާޅުވެ ލީބިޔާގެ ރަސްމީ ޓީވީ މެދުވެރިކޮށް ބަޔާނެއް ދެއްވާފައެވެ.
ގައްޒާފީ ލީބިޔާއިން ފިއްލެވިކަމުގެ ޚަބަރު ދެއްވާފައިވަނީ އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހެގް އެވެ. އޭނާ ވިދާޅުވީ ގައްޒާފީ ފިއްލަވައިގެން ވެނެޒުއެލާއަށް ދަތުރުކުރައްވާ ކަމުގެ މަޢްލޫމާތު ވަރަށް އިތުބާރުހުރި ފަރާތަކުން ލިބިފައިވާ ކަމުގައެވެ.
އދ. ގައި ހުންނަ ލީބިޔާގެ ދާއިމީ މިޝަނުންވަނީ ގައްޒާފީ ވެރިކަމުން ފޭބުމަށް ގޮވާލައި ގައްޒާފީގެ ވެރިކަމަށްއެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ. އދ. އަށް ކަނޑައަޅާފައިވާ ލީބިޔާގެ މަންދޫބު ވަނީ މުޒާހަރާކުރާ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ސަރުކާރުން ބާރުގެ ބޭނުންކޮށް އެތަށް ސަތޭކަ ބަޔަކު މަރާލި މައްސަލާގައި އިސްތިއުފާދެއްވައި ގައްޒާފީއަށް ފާޑުވިދާޅުވެފައެވެ.
އަނެއްކޮޅުން ލީބިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ރޭގައި ވެރިރަށް ޓްރިޕޮލީއާއި ޓްރިޕޮލީގެ ވަށައިގެންވާ ބައެއް ރަށްތަކުގައި މުޒާހަރާކުރާ ރައްޔިތުންގެ ބޮލަށް ބޮންއަޅާފައިވާ ކަމަށް ޚަބަރުލިބެއެވެ. ވައިގެ މަގުން ރައްޔިތުންނަށް ޙަމަލާދިން ޢަސްކަރީ ގިނަ ބޯޓުތައް ދުއްވަންތިބީ އެފްރިކާގެ ކުލީ ސިފައިންގެ ޕައިލެޓުން ކަމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
މީގެތެރެއިން ލީބިޔާގެ ދެޕައިލެޓަކު ދުއްވި ފައިޓަރ ޖެޓް ދެބޯޓު ރައްޔިތުންގެ ބޮލަށް ބޮންނާޅަންވެގެން އަވަށްޓެރި މޯލްޓާއަށް ތިރިކޮށްފައިވާ ކަމަށާއި ބޮންއެޅުމުގެ ސަބަބުން 200 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. -- އަލްޖަޒީރާ