އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ފަރާތްތައް އެ ޕާޓީގެ ތެރެއަށް ނުވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރުމަށް ފަހު "އެމީހުން ބޭނުންވާ އެއްޗެއް ނުލިބިގެން" އަނބުރައި އެމްޑީޕީއާ އެކު މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތައް ދުވަހަކު ވެސް "އެމްޑީޕީއަށް ހިތް ހެޔޮ ނުވާނެ" ކަމަށެވެ.

"ރައީސް ނަޝީދަށް މިއަދު ޖެހިފައިވާ އެވާ ނިކަމެތި ހާލުގެ ބޮޑުބަޔަކީ ވެރިކަމާ ހެދި ދަހިވެގެން އައިސް ކޮންމެ ވެސް ރޭވުމެއްގެ ތެރޭގައި އެމްޑީޕީ ފުނޑު ފުނޑު ކޮށްލުމަށް ކޮށްގެން އުޅޭ ކަމެއް. އަޅުގަނޑުމެން ސިޔާސީ ޕާޓީތައް އުފައްދައި އެ ޕާޓީތައް ވަކި ހިސާބަކަށް މިގެންދަނީ ވަކި ބޭނުމެއްގައި، ވަކި މަގުސަދެއްގައި. އަޅުގަނޑު އެދެން އިހުލާސްތެރިކަމާއި ވިސްނުންތެރިކަމާ އެކީގައި މިކަން ކުރަން. މިއީ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އޮތް ގޮންޖެހުމެއް. ޕީޕީއެމް އިން އަބަދު ވެސް އުމަރަށް ފާރަލަމުން ގެންދާނެ. ރައީސް ޔާމީން ބައްލަވަން ޖެހޭނެ. އެހެން ޕާޓީތަކުން ވެސް ކުރައްވަން ޖެހޭ ކަންކަން ހުންނާނެ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރު ކަމުން ވަކިކޮށްފައިވާ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ކަންތައްތަކަކީ އެންމެ މީހެއްގެ ސަބަބުން ކުރެވިފައިވާ ކަންތައްތަކެއް ކަމަށް ބައެއް ފަރާތްތަކަކުން ގަބޫލުކުރަމުންދާ ކަމަށެވެ. އެކަން އެގޮަތަށް ދެކޭ ކަމަށް ވަނީ ނަމަ "އަޅުގަނޑުމެން އެތައް ޒަމާނެއް ވަންދެން ކުރި މަސައްކަތްތައް ދިޔައީ" ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މިއަދު ރައީސް ޔާމީންގެ ސަރުކާރުން ރައީސް ޔާމީން ކުރައްވަމުން އެގެންދަވާ ކަންތައްތަކަކީ ރައީސް ޔާމީންގެ ޕާޓީ އިން ޕީޕީއެމް އިން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ގަބޫލުކުރަން ޖެހޭ. އަދި އެ ޕާޓީގެ މީހުން ވެސް އެކަން ގަބޫލުކުރަން ޖެހޭ. އެކަމަކު ހިތާމައަކީ ރައީސް ޔާމީނަށް ވެރިކަން ހޯދައިދެއްވުމަށް ޓަކައި އެމްޑީޕީގެ ފިކުރު އަޅުގަނޑުމެން ގޮސް އާދޭސްކުރުމުން އެކަމަށް ދެކޮޅު ހަދާ ރައީސް ޔާމީނާ އެކު ބައިއަތު ހިފައިގެން ރާއްޖޭގައި ވެރިކަން ކޮށްދޭން ނުކުތް މީހުންގެ ތެރެއިން އެމީހުންގެ ތެރެއިން ބޭނުންވާ ނާޖާއިޒް ފައިދާތައް ނުނެގުނީމާ މިއަދު އެމްޑީޕީގެ ޕްލެޓު ފޯމަށް އަރައިގެން އެ ޕާޓީ ފުނޑުފުނޑު ކުރަމުން އެދަނީ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި މޫސަ ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އިން މަސައްކަތް ކުރަމުންދާތީ މޫސަ ވަނީ އެ ފަރާތްތަކާ މެދު "ސަމާލުވުމަށް" އެމްޑީޕީގެ ލީޑާޝިިޕަށް އިިލްތިމާސްކުރައްވައިފަ އެވެ.