މި އަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ނިއުރޭޑިއެންޓް ބަލިކޮށް ފުރަތަމަ ފަހަރަށް މާޒިޔާ މައިލޯ ޗެރިޓީ ޝީލްޑް އުފުލާލާފައި ވާއިރު، އެ މެޗުން މާޒިޔާ ހާސިލް ކުރަން ބޭނުންވި މަގުސަދު ހާސިލް ވެއްޖެ ކަމަށް އެ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މެޗަށް ފަހު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ރޭގެ މެޗު ކާމިޔާބު ވުމަކީ މާޒިޔާއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ރޭގެ މޮޅަކީ މި ސީޒަންގައި މާޒިޔާ އިތުރަށް ކުރިއަށް ދިޔުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މި މެޗުން ހޯދަން ބޭނުންވި ނަތީޖާ ލިބިއްޖެ. މެޗުން މާޒިޔާ ހާސިލް ކުރަން ބޭނުންވި މަގްސަދު ހާސިލް ވެއްޖެ. މިފަދަ ކޮންމެ މޮޅަކީ ދެން ކުރިއަށް އޮތްތާ ޓީމު ކުޅޭ މެޗުތަކަށް ޓީމަށް ލިބިގެން ދާނެ އިތުރު ހިތްވަރެއް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ސީޒަން ފަށުމުގެ ގޮތުން ކުޅޭ ޗެރިޓީ މެޗުން ޝީލްޑް ހޯދުން އެ ޓީމަށް މުހިންމު ވަނީ އެއީ މި ސީޒަންގައި އެ ޓީމް ކަނޑައަޅާފައިވާ ޓާގެޓަކަށް ވާތީ ކަމަށެވެ. އަދި އެކަން ހާސިލް ވުމުން، ދެން އިތުރު ޓާގެޓްތައް ހާސިލް ކުރުމަށް ޓީމަށް އިސްކަން ދެވޭނެ ކަމަށް ސުޒޭން ބުންޏެވެ.

"މިއީ ޗެރިޓީ ޝީލްޑް މާޒިޔާއަށް ލިބުނު ފުރަތަމަ ފަހަރު، ދެން ދުވަހަކު ވެސް އަލަކަށް މާޒިޔާއަށް މި ޝީލްޑެއް ނުލިބޭނެ. އެހެން ކަމުން އިތުރު ޓާގެޓްތައް ހާސިލް ކުރަން ވިސްނަން ޓީމަށް ފުރުސަތު ލިބިގެން މި ދިޔައީ. މާޒިޔާ މަޑުމަޑުން ކުރިއަރަމުން އަންނައިރު، މިފަދަ ހުރިހާ ޓާގެޓްތަކެއް ހާސިލް ކޮށްގެން މި ސީޒަން ނިންމާލެވިއްޖެއްޔާ އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް،" ސުޒޭން ބުންޏެވެ.

މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާމެދު ވާހަކަ ދައްކަމުން ސުޒޭން ބުނީ ފުރަތަމަ ހާފުގައި މާޒިޔާއަށް ލިބުނު ރަނގަޅު ދެ ތިން ފުރުސަތެއް ނިންމާލުމުގައި ޓީމަށް ދަތިވިކަން ފާހަގަވި ކަމަށާއި، އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ޖުމްލަކޮށް މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިންހަމަ ޖެހޭ ކަމަށް ސުޒޭން ބުންޏެވެ.

ރޭގެ މެޗުގައި މާޒިޔާ ނިއުގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފްގައި އެ ޓީމްގެ ބިދޭސީ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އެވެ. އަދި ދެ ވަނަ ލަނޑު ޕަބްލޯ ދިން ޕާހަކުން އެންމެ ފަހު ވަގުތުކޮޅު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. އެ މެޗުގައި ނިއުއަށް ވަނީ މާޒިޔާގެ ކީޕަރު އިމްރާން ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ.