ދައުވާ ނުކުރުމަށް ނިންމާފައިވާ ބަޔަކު ފުލުހުންގެ ބަންދުގައި އެބަތިބި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ނޫސްވެރިންނަށް މިއަދު ވިދާޅުވީ ދައުވާ ނުކުރަން ނިންމާފައިވާ ބަޔަކު ބަންދުގައި ތިބުމުން އެކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން ބެލިއިރު އަޅުގަނޑުމެން ދައުވާ ނުކުރަން ނިންމި ބަޔަކު ބަންދުގައި އެބަތިބި. ދެން އެ ހިސާބުން އެ ވަނީ އާބިޓްރަރީ އެރެސްޓަކަށް. އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމިއިރު ބަންދެއްގައި. އެހެންވީމަ އޭނައަށް އޭތި ބުނެދޭކަށް ވެސް ނޭނގޭނެ،" މުހުތާޒު ވިދާޅުވި އެވެ.

އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި ނިންމާ ނިންމުން ލިޔުމުންނާއި އެސްއެމްއެސް މެދުވެރިކޮށް ތުހުމަތުކުރެވޭ މީހާއަށް އެންގުމަށް ނިންމާފައިވާ ކަމަށް ވެސް ޕީޖީ މިއަދު ވިދާޅުވި އެވެ. އެނާ ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ޕީޖީ އޮފީހުގެ ވެރިންގެ ލެވެލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"މީގެ ބޭނުމަކީ އޭނައަށް ފަހުން ސަޕްރައިޒްނުކޮށް އޭނައާ މެދު އެ ގޮތް ނިންމާ ހިސާބުން އޭނައާ މެދު ނިންމީ ކޮން ގޮތެއްކަން އެންގުން،" މުހުތާޒު ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށާއި އެގޮތަށް އަމަލު ކުރަން ފެށުމުން ނާއިންސާފުން ހިނގާ ކަމަށް އެ މީހާއަށް ގަބޫލުކުރެވޭ ކަންކަން ކުރިއަށް އޮތްތަނުގައި މަދުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ދައުވާ ނުކުރަން ނިންމާފާއިވާއިރު ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރާއިރު އެގޮތަށް ނިންމިކަން ނޭނގުމުގެ ސަބަބުން ކޯޓުގައި އެ ވާހަކަ ދެއްކުމުގެ ފުރުސަތު އެ މީހާއަށް ގެއްލިފައިވާ ކަމަށް މުހުތާޒު ވިދާޅުވި އެވެ. އަދި ލިޔުމުން އެކަން އެންގުމުން ކޯޓުގައި ވެސް އެ ލިޔުން ދައްކައި ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު އެމީހަކަށް ތަނަވަސްވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"....ނޫނީ ފަސް ދުވަސް ހަމަވެގެން 10 ދުވަސް ހަމަވެގެން ގެންދާއިރު އޭނައަށް ލިޔުމުން ދެއްކޭނެ ތިމަންނަގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއޭ. އެހެންވީމަ ތިމަންނަ ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތޭ. އެހެންވީމަ އޭނަ ބަންދުން ވެސް ދޫވާނެ،" މުހުތާޒު ވިދާޅުވި އެވެ.